ވެސްޓް ބޭންކްގެ ދެކުނުގެ ހެބްރޯން ސިޓީގައި އިސްރާއީލުގެ ޖައްބާރު ސިފައިން ފަހަތުން ބަޑިޖަހައި ފަލަސްތީނުގެ އެގާރަ އަހަރުގެ އައިމަން ނާސިރު އަލް-ހައިމޫނީ ޝަހީދުކޮށްލައިފިއެވެ.
މިއީ 2025 ވަނަ އަހަރު ފެށުނީއްސުރެ ވެސްޓް ބޭންކްގައި އިސްރާއީލީ ސިފައިން މިގޮތަށް އަމާޒުކޮށް ސީދާ ވަޒަން ޖަހައި ޝަހީދުކޮށްލި 16 ފަލަސްޠީނު ކުޑަކުދިންގެ ތެރެއިން އެކަކެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއަކުން ފާހަގަކުރާ ގޮތުގައި މި ކުދިން "އިސްރާއީލް ސިފައިންނަށް އެއްވެސް ޙަޤީޤީ ނުރައްކަލެއް ކުރިމަތިކޮށްފައިނުވެއެވެ."
ފެބްރުއަރީ 21 ވަނަ ދުވަހު ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި ފުޓޭޖުން ފެންނަނީ އަލް-ހައިމޫނީ އިސްރާއީލީ ހަމަލާއަކުން ޝަހީދުވި ވަގުތެވެ. އިސްރާއީލު ސިފައިން އަލް-ހައިމޫނީ ފަހަތުން ބަޑިޖެހުމުން ބުރަކަށްޓަށް ވަޒަން އަރައި ޒަޚަމްވެ ވެއްޓުނެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ ޝަހީދުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލް ސިފައިން ގިނަ ހަފުތާތަކެއް ވަންދެން ވެސްޓް ބޭންކަށް ބޮޑެތި ރޭގަނޑުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އަލް-ޖަޒީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި ހަމަލާތައް ނާބްލުސް، ޓުލްކަރެމް، ޖެނިން އަދި ހެބްރޯންގެ ސަރަޙައްދުތަކަށް އަމާޒުކޮށްފައިވެއެވެ.
އަލް-ހައިމޫނީ އާއި އޭނާގެ 10 އަހަރުގެ އަޚް، އައިސަރު އަލް-ހައިމޫނީ، މަންމައާއެކު ހެބްރޯންގެ ޖަބަލް ޖަވްހަރުގައި ދިރިއުޅޭ އެކުދިންގެ ކާފައާއި ބޮޑުބޭބެއިންނަށް ޒިޔާރަތްކުރުމަށް ގޮސްފައިވެއެވެ. ޖަބަލް ޖަވްހަރަކީ އިސްރާއީލީ ޑިފެންސް ފޯސަަސް (އައިޑީއެފް) ހިންގާ ސަރަޙައްދެކެވެ. މި ސަރަޙައްދު ހުންނަނީ ޓޫމް އޮފް ދަ ޕޭޓްރިއާކްސް ކައިރީގައެވެ. މިއީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ޢާއިލާ ފަސްދާނުލެވިފައިވާކަމަށް ބެލެވޭ ތަނެއް ކަމަށްވެފައި، މުސްލިމުންނާއި، ޔަހޫދީންނާއި، ކްރިސްޓިއަނުންނަށް މިއީ މުޤައްދަސް ތަނެއްގެ ގޮތުގައި ބަލައެވެ.
CCTV footage captures the moment Israeli occupation forces shoot and kill 11-year-old Palestinian child Ayman Al-Haimouni in Al-Ksara area in Hebron yesterday. pic.twitter.com/DI5f2vVXXc
— Quds News Network (@QudsNen) February 22, 2025
ހުކުރު ރޭ، ޔަހޫދީ ސެޓްލަރުން (ފަލަސްތީނު ބިންތައް ފޭރިގަނެގެން ވަޒަން ވެރިވެފައިވާ ޔަހޫދީން) އަޅުކަން ކުރަން އެތަނަށް ދެއެވެ. އެމީހުން އަޅުކަމަށް އެތަނަށް ދިއުމުގެ ކުރިން، އައިޑީއެފްއިން ވަށައިގެންވާ ފަލަސްޠީނު ސަރަޙައްދުތަކުގައި އަނިޔާވެރި ދަތުރުތައް ކުރެއެވެ. ހުކުރު ރޭ ގާތްގަނޑަކަށް ހަވީރު 6:30 ހާއިރު، އަލް-ހައިމޫނީ ކާފަގެ ގެއަށް ގޮސް، މަސައްކަތެއް ކޮށްދިނުމަށްފަހު ބޮޑުބޭބެ ޠާރިޤްގެ ގެއަށް އެނބުރި ދިޔަފަހުން މައި މަގުން ވަޒަން ޖެހުމުގެ އަަޑު އިވުނުކަމަށް ''ދަ ގާޑިއަން'' ގައި ރިޕޯޓުކޮށްފައިވެއެވެ.
ވަޒަން ޖެހުމުގެ އަޑު އިވުމުން، އަލް-ހައިމޫނީ އާއި އޭނާގެ ދެ ކޮއްކޮ، އޭނާގެ ބޮޑުބޭބެ ނަދީމް އަލް-އަޖްލޫނީއާއެކު ޠާރިޤްގެ ގެއިން ނުކުމެފައިވެއެވެ. ނަދީމް އަލް-އަޖްލޫނީ ވަނީ އިސްރާއީލީ ސިފައިން ވަޒަން ޖަހާފައިވާ އަވަށްޓެރިއެއްގެ ކާރަށް އެހީތެރިވެދިނުމަށް ގޮސްފައެވެ. އޭގެފަހުން، މަގުމަތިން އިތުރު ހަލަބޮލިކަމެއް ފެށި، އަނެއްކާވެސް ވަޒަން ޖެހުމުގެ އަޑު އިވުމުން، އެތަނުގައި ތިބި މީހުން ރައްކާތެރިކަން ހޯދުމަށް ދުވެފައިވެއެވެ. މީގެ ތެރޭގައި އަލް-ހައިމޫނީ އާއި އޭނާގެ ކޮއްކޮވެސް ހިމެނެއެވެ.
އަލް-ހައިމޫނީ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހީ ތާރިގް ގެއަށް ވަންނަން ދުވެފައި ދަނިކޮށެވެ. އެ ކުއްޖާ ޠާރިޤްގެ ގޭގެ ގޭޓާއި ދިމާއަށް ދުވެފައި ދަނިކޮށް، ކެމެރާ އަށް ފެންނަ ހިސާބުން ގެއްލެއެވެ. އެހިނދު، މަގުމަތިން އަނެއްކާވެސް ވަޒަން ޖެހުމުގެ އަޑު އިވެއެވެ. މިއީ އަލް-ހައިމޫނީއަށް އަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާގެ އަޑުކަމަށް ބެލެވޭކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފަވެއެވެ. އަލް-ހައިމޫނީ ގަޔަށް ވަޒަންއަރާ ވެއްޓޭ މަންޒަރު ފުޓޭޖުން ސީދާ ކަށަވަރުކޮށް ނުދެއްކި ނަމަވެސް އަދި ވަޒަން ޖެހީ ކާކުކަން ސާފުނުވި ނަމަވެސް، ވަޒަން އައި ދިމާއަކީ އިސްރާއީލީ ސިފައިން ތިބި ދިމާކަން ވަރަށް ސާފުކޮށް ދައްކައިދެއެވެ. އަދި އިސްރާއީލު ސިފައިން އެ ކުއްޖާ އަށް ގަސްދުގައި ހަމާލާދީ ޝަހީދުކޮށްލީކަން ވެސް އެނގިގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!