ސައުދީ އަރަބިއްޔާގެ ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓް (އާރްއެސްއައި) އަށް ޔޫރަޕުން ސީދާ ދަތުރުތައް ރާއްޖޭގެ ލަގްޒަރީ އެއަރލައިން ބިއޮންޑް އިން ފަށައިފި އެވެ.
ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމަށްވާ، އަދި ލީޝަރ ޓްރެވަލްއަށް ޚާއްސަ ކޮށްފައިވާ ބިއޮންޑްއިން ހަފްތާއަކު ދެ ފަހަރު އިޓަލީގެ މިލާނުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ޔޫރަޕާއި ސައުދީ އަރަބިއްޔާގެ ފްލެގްޝިޕް ލަގްޒަރީ އަދި ރިޖެނެރޭޓިވް ޓޫރިޒަމް ހަބް ކަމަށްވާ ދި ރެޑްސީ އަދި އަމާލާ (AMAALA) ޑެސްޓިނޭޝަންތަކާ ދެމެދު ގާއިމުކުރެވުނު ފުރަތަމަ ސީދާ ވައިގެ ގުޅުމެވެ. މިއީ ޔޫރަޕްގެ ފަތުރުވެރިންނަށް މި ސަރަހައްދަށް ދަތުރުކުރުމަށް ހުޅުވިގެންދިޔަ އާ ދޮރެކެވެ. މިހާރުވެސް މި އެއާޕޯޓަށް ރިޔާޟް، ޖިއްދާ، ދުބާއީ، ދޯހާ އަދި މިލާނުން ދަތުރުތައް ކުރަމުންދާއިރު، އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
“މި ދަތުރު ފެށުމަކީ ހަމައެކަނި އާ ރޫޓެއް ނޫނެވެ. މިއީ ދި ރެޑްސީ އަދި އަމާލާއަށް ޔޫރަޕުން ހުޅުވި ފުރަތަމަ ސީދާ ދޮރެވެ. މިއީ ޑެސްޓިނޭޝަންގެ ކެރީންގ ކެޕޭސިޓީ ރައްކާތެރިކުރުމާއެކު، ހައި-ކޮލިޓީގެ ބައިނަލްއަގްވާމީ ވަދެވޭނެ މަގުތައް ގާއިމުކުރުމަށް އާރްއެސްއައިއަށް ލިބުނު ބާރެއް.”
އާރްއެސްއައިގެ ޗީފް އެގްޒެކެޓިވް އޮފިސަރު އެންޑްރޫ ޓައިލަރ-ސްމިތު ވިދާޅުވިއެވެ.

ބިއޮންޑް އިން މިލާން ހޮވީ އެއީ ލަގްޒަރީ އަދި އައުޓްބައުންޑް ޓްރެވަލްގެ ގޮތުން ވަރުގަދަ ޕްރޮފައިލްއެއް އޮތް ސިޓީއަކަށް ވާތީއެވެ. ޔޫރަޕްގެ ލީޝަރ ފަތުރުވެރިންނަށް ޚާއްސަކޮށް، އޯލް-ލައި-ފްލެޓް އޭ320 އެއާކްރާފްޓް ބޭނުންކޮށްގެން ހިންގާ މި ދަތުރުތަކަކީ، ރެޑްސީ އާ ބެހޭ ގޮތުން ޔޫރަޕްގައި ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް، އިތުރު މާކެޓްތަކަށް ފުޅާކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި ސްޓްރެޓީޖިކް ގޮތުން ގާއިމުކޮށްފައިވާ އާރްއެސްއައި އަކީ ޔޫރަޕްގެ މައި ސިޓީތަކާ ކައިރީގައި އޮތް އެއާޕޯޓެކެވެ.

ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޒަރީ އެއަރލައިންގެ ޚިދުމަތް 2023 ވަނަ އަހަރު ފެށީ ރާއްޖޭގައެވެ. ބިއޮންޑް އެއަރލައިނުން އަމާޒު ހިފާފައި ވަނީ، ޕެރިސް، ވިއެނާ، މިލާން، ދުބާއީ، ހޮންގް ކޮންގް، ޓައިޕޭ އަދި ސިންގަޕޫރު ހިމެނޭ ގޮތަށް ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުތައް ބޭއްވުމަށެވެ.
ބައެއް ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި، އެހެން ގައުމުތަކުން އެ ގައުމުތަކުގެ ފަތުރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ރާއްޖޭގެ ޓޫރިޒަމްގެ މޮޑެލް ބޭނުންކޮށްގެންނެވެ. މިގޮތުން، ސައުދީ އަރަބިއްޔާގެ ރެޑްސީ ޕްރޮޖެކްޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވާދަވެރި މަޝްރޫއެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
ރެޑްސީ ޕްރޮޖެކްޓަކީ ސައުދީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ 'ދަ ރެޑްސީ ގްލޯބަލް' (އާރުއެސްޖީ) އިން ހިންގާ ވަރަށް މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަޝްރޫއެކެވެ. މިއީ ތެލުގެ އާމްދަނީއަށް ބަރޯސާވެފައިވާ ސައުދީގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ (ޑައިވާސިފައި ކުރުމުގެ) އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވުނު ބައެއް ލަގްޒަރީ ރިސޯޓުތަކުން މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މި ރިސޯޓުތަކުގެ ތެރޭގައި ސިކްސް ސެންސް ސަދާން ޑޫނުސް ދަ ރެޑްސީ، އެސްޓީ ރެޖިސް ރެޑްސީ ރިސޯޓް، ރިޒް ކާލްޓަން ރިޒާވް، ގްރާންޑް ހަޔާތު ދަ ރެޑްސީ، ނުޖުމާ، އަ ރިޒް ކާލްޓަން ރިޒާވް އަދި އަމަލާ ރިސޯޓު ހިމެނެއެވެ. އަމަލާ ރިސޯޓު ފިޔަވައި، މި ލިސްޓުގައިވާ އެހެން ރިސޯޓުތައް ހިންގާ ކުންފުނިތަކުން ދަނީ ރާއްޖޭގައި ވެސް މަތީ ފަންތީގެ ރިސޯޓުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!