މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެންބަރެއް ކަމަށްވާ މުހައްމަދު ފަރުޝަތުގެ ނަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، މި މަގާމަށް ފަރުޝަތު އައްޔަންކުރުމަށެވެ.

Ad
rt

މުހައްމަދު ފަރުޝަތު ސީއެސްސީގެ މެމްބަރުކަން އަދާކުރެއްވުމުގެ އިތުރުން، މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ވަޒީފާތައް ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ، އަދި އޭނާ މި މަގާމަށް ހޮވުމުގައި މިތަޖުރިބާ އަކީ މުހިންމު ކަންކަމުގެ ގޮތުގައި ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރި ނަމަވެސް، މީޑިއާ ކޮމިޝަންގެ ރައީސަކު ރަސްމީކޮށް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓަކުންނެވެ. ނަމަވެސް، ކޮމިޝަންގެ ނައިބު ރައީސް ހޮވާނީ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުން، ކޮމިޝަންގެ މެމްބަރުންގެ ތެރެއިންނެވެ.

އެމްއެމްބީސީގެ ހަތް މެމްބަރުން

  • ޢަބްދުލްޢަޒީޒް އިބްރާހީމް، ށ.ފޭދޫ/މޫނިމާގެ (ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެމްބަރު -1)
  • ޒަމްޢަތު އަޙްމަދު ވަޙީދު، ގދ.ތިނަދޫ،/މަލަ (ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެމްބަރު -2)
  • ސިމާޙާ ނަސީމް، ގދ. ރަތަފަންދޫ/ވެލީގެ، އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެމްބަރު -1)
  • ޙުސައިން ޘަޤީފް، ހދ. ވައިކަރަދޫ/ހިސާން (އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެމްބަރު -2)
  • މުޙައްމަދު ފަރުޞަތު، މާލެ/ހ. ޓޫހާރޓްސް، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -1)
  • ޞަފާ ޝަފީޤް، ދ. މީދޫ/ބިއްލޫރިވިލާ، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -2)
  • އާމިނަތު ޞަރާޙަތު ޢިއްޒަތު، މާލެ/ގ.ގޮފި، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު -3)

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ.

18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފީސް" އުފައްދަވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާފައި ވެސް ވަނީ އެދުވަހުއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއ،ި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވ،ާ އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.