އިސްރާއީލުގެ ބަންދުގައި ތިބެ ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މަރުހޫމުންގެ ހަށިގަނޑުތައް އިސްރާއީލުން ރައްދުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އިސްރާއީލުގެ ބަންދުގައި ތިބިއިރު މި ހަށިގަނޑުތަކަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާއި ގުޅިގެން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، އާއިލާތަކަށް އެމީހުންގެ މަރުހޫމުން ދެނެގަތުމަށް ވަރަށް ބޮޑަށް ދަތިވިއެވެ.

Ad
rt

ޣައްޒާގެ ޞިއްޙީ ދާއިރާގެ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިސްރާއީލުން އަނބުރާ ފޮނުވާލި ގިނަ ހަށިގަނޑުތަކުގައި އަނިޔާވެރި އަމަލުތަކާއި، ރަހުމްކުޑަ އަމަލުތަކާއި، އަދި މަރާލުމުގެ ހެކިތައް ފެންނަން ހުއްޓެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މިހާތަނަށް އިސްރާއީލުން އަނބުރާ ފޮނުވާލާފައިވާ ހަށިގަނޑުތަކުގެ އަދަދު 195 އަށް އަރާއިރު، އޭގެ ތެރެއިން ދެނެގަނެވިފައިވަނީ އެންމެ 57 ހަށިގަނޑެވެ. މިކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި ނަފްސާނީ ގޮންޖެހުންތައް ވަރަށް ބޮޑެވެ.

އިސްރާއީލުން ގަޒާއަށް އަހަރުތަކެއް ވަންދެން ދަމަހައްޓާފައިވާ ހިޞާރާއި، ގަޒާގެ ތަޙުލީލު މަރުކަޒުތައް ނައްތާލުމުގެ ސަބަބުން ފޮރެންސިކް ތަޙުލީލުތައް ހެދުމަކީ މިހާރު ނުކުރެވޭނެ ކަމަކަށް ވެފައިވާތީ، އާއިލާތަކުން މަސައްކަތްކުރަނީ ހަށިގަނޑުތަކުގައި ހުރި ފާހަގަތަކާއި ހެދުންތަކަށް ބަލައިގެން އެމީހުންގެ ލޮބުވެތިން ދެނެގަންނާށެވެ. މިއީ މަރުގެ ހިތާމައިގެ އިތުރުން އާއިލާތަކަށް ކުރިމަތިވެފައިވާ އިތުރު ވޭނެކެވެ.

ފަލަސްތީނު ޝަހީދުންގެ ހަށިގަނޑުތައް އަނބުރާ ހޯދުމުގެ ޤައުމީ މަސައްކަތްތަކުން ހާމަކުރާ ގޮތުގައި، ހަނގުރާމަ ހުއްޓުމުގެ ކުރިން އިސްރާއީލުގެ ބާރުގެ ދަށުގައި 735 ފަލަސްތީނުގެ ހަށިގަނޑު އޮތެވެ. ހާރެޒް ނޫހުން ބުނާ ގޮތުގައި، އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.