އޮސްލޯ، ނޯވޭ (10 އޮކްޓޯބަރު 2025)– މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބޭނެކަމަށް ބެލެވޭ ފަރާތެއްގެ މަޢުލޫމާތު ލީކުވެފައިވާކަމުގެ ތުހުމަތުގައި، ނޯބެލް އިންސްޓިޓިއުޓުން ތަޙްޤީޤެއް ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއަހަރުގެ ނޯބަލް ޞުލްޙައިގެ އިނާމު ލިބިވަޑައިގަތީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށެވެ. މި ތަޙްޤީޤް ފެށީ މަޗާޑޯ އަށް މި އިނާމު ލިބޭނެކަމަށް އިޢުލާނު ކުރުމުގެ ގަޑިއިރުތަކެއް ކުރިން، އޭނާއަށް އޮންލައިން ބެޓިންގ އިންތިހާއަށް އިތުރުވެފައިވާތީ، މިކަމުގެ ސީދާ މަޢުލޫމާތު ލީކުވެފައިވާކަމަށް ބެލެވިގެންނެވެ.

Ad
rt

ދުނިޔޭގެ އެންމެ ބޮޑެތި ޕްރެޑިކްޝަން މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ކަމަށްވާ ޕޮލިމާކެޓްގައި، ހުކުރު ދުވަހުގެ މެންދަމުގެ ކުރިން އޮސްލޯ ގަޑިން މަޗާޑޯއަށް އިނާމު ލިބުމުގެ ފުރުސަތު ހުރީ އެންމެ 3.7 އިންސައްތައިގައެވެ. ނަމަވެސް، މިނެޓްތަކެއްގެ ތެރޭގައި އެ ފުރުސަތު 31.5 އިންސައްތައަށް އަދި އޭގެ ފަހުން 73.5 އިންސައްތައަށް ވަނީ އަރާފައެވެ. މި ހާދިސާ ހިނގާފައިވަނީ މާހިރުންނާއި މީޑިއާއިން ވެސް މަޗާޑޯއަކީ އިނާމު ލިބިދާނެ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްފައިނުވަނީހެވެ. މިއީ މަޢުލޫމާތު ލީކުވެފައިވާކަމަށް ޝައްކުކުރެވޭ މައިގަނޑު ސަބަބެވެ.

ޕޮލިމާކެޓްގެ މަޢުލޫމާތު ދައްކާ ގޮތުން، މެންދަމު ފަހުން ޕޮލިމާކެޓްގައި އަލަށް ރަޖިސްޓްރީ ކުރި ޔޫޒަރެއް ކަމަށްވާ "6741" އިން ވަނީ މަޗާޑޯއަށް 1,500 ޑޮލަރުގެ ބެޓެއް ކޮށްފައެވެ. ހަމައެވަގުތު، އިނާމު ލިބޭނެކަމަށް ލަފާކުރެވުނު ފަރާތްތަކުގެ ތެރެއިން އެކަކު ކަމަށްވާ ސޫދާންގެ އެމަރޖެންސީ ރެސްޕޮންސް ރޫމްސްއާ ދެކޮޅަށް 1,085 ޑޮލަރުގެ ބެޓެއް ވެސް އެ ޔޫޒަރު ވަނީ ކޮށްފައެވެ.

ނޯބެލް އިންސްޓިޓިއުޓުން ވަނީ ނޯވޭގެ މީޑިއާގައި މި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް ރިޕޯޓު ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އިނާމު ދިނުމަށް ނިންމާ ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ އިންސާނީ ޙައްޤުތަކުގެ ވަކާލާތު ކުރާ ފަރާތަކާއި، ބޭރު ސިޔާސަތުގެ މާހިރަކާއި، ނޯވޭގެ ކުރީގެ ތިން ވަޒީރުންނެވެ. މި ކޮމިޓީން ފައިނަލް ނިންމުން ނިންމާފައިވަނީ ހޯމަ ދުވަހުއެވެ. އަދި ހުކުރު ދުވަހުގެ އިޢުލާނުގެ މިނެޓްތަކެއް ކުރިން މަޗާޑޯއަށް ވަނީ ފޯނުން ގުޅާފައެވެ.

މާހިރުން މީގެ ކުރިން ލަފާކޮށްފައިވަނީ ސޫދާންގެ އެމަރޖެންސީ ރެސްޕޮންސް ރޫމްސް ނުވަތަ އ.ދ.ގެ އެކި މުއައްސަސާތަކަށް އިނާމު ލިބިދާނެކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ދޭންޖެހޭކަމަށް ތަކުރާރުކޮށް ބުނަމުން ދިޔުމުގެ ސަބަބުން، ގިނަ ޕްރެޑިކްޝަން ކުންފުނިތަކުގައި އޭނާއަކީ ވެސް އިނާމު ލިބުމުގެ ފުރުޞަތު އޮތް ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ފަހު ވަގުތުތަކުގައި، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާއަކީ ޕޮލިމާކެޓްގައި 9 އިންސައްތައާއެކު އެންމެ ފުރުޞަތު ބޮޑު ފަރާތް ކަމުގައި ވިއެވެ. އަދި ޓްރަމްޕް ވަނީ 4.4 އިންސައްތައިގައެވެ. ބުރާސްފަތި ދުވަހު މަޗާޑޯއަށް އިނާމު ލިބުމުގެ ފުރުޞަތު އޮތީ އެންމެ 0.6 އިންސައްތައިގައި ކަމަށް ޕޮލިމާކެޓުން ދައްކައެވެ.

ޕޮލިމާކެޓްގެ ވެބްސައިޓުން ދައްކާ ގޮތުގައި މަޗާޑޯއަށް ކުރެވުނު ބެޓްތަކުގެ ޖުމްލަ އަދަދަކީ 2.2 މިލިއަން ޑޮލަރެވެ. އެއީ ޓްރަމްޕަށް ކުރެވުނު 13.9 މިލިއަން ޑޮލަރުގެ ބެޓްތަކާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. މުޅި ޖުމްލަ ބެޓްތަކުގެ އަދަދަކީ 21.4 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ދެ ޕްރެޑިކްޝަން މާކެޓް ކަމަށްވާ ޕޮލިމާކެޓާއި ކަލްޝީން ވެސް ފާއިތުވި އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަކީ އެންމެ ފުރުޞަތު ބޮޑު ކެންޑިޑޭޓް ކަމަށް ލަފާކޮށްފައިވެއެވެ. އެއީ އާންމު ސަރވޭތަކުން ދައްކާ މިންވަރަށްވުރެ މާ ބޮޑު ތަފާތަކާ އެކުގައެވެ.

މި މައްސަލައިގައި ނޯބެލް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަޙްޤީޤުގެ ނަތީޖާ އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް، މިފަދަ ޙައްސާސް މަޢުލޫމާތު ލީކުވުމަކީ ނޯބެލް އިނާމުގެ އަގަށާއި އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. އެހެންކަމުން، މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.