ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ފަރާތުން ސީރިޔާގެ އިދްލިބްގައި ޙާލުގައި ޖެހިފައިތިބި ކުޑަކުދިންނަށް ޖެކެޓް ހަދިޔާ ކުރުމަށް ފަހު މިއަދު ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއިން ގިނަބަޔެއްގެ ހިތްތައް ރޮއްވާލައިފިއެވެ.
ސީރިޔާގައި 5 މިލިއަނެއްހާ ކުޑަކުދިން ތިބީ އިންސާނީ އެހީއަށް ބޭނުންޖެހިފައެވެ. 14 މިލިއަން މީހުންނަކީ ކާބޯތަކެތި ނުލިބި މަރުވެދާނެ ކަމުގެ ބިރުވެރި ކަމުގައި ތިބި އިރު މީގެ ތެރޭގައި ކުޑަކުދީންގެ އަދަދު ގިނަ އެވެ.

ސީރިޔާގެ ކުޑަކުދީންނަކީ އުފަންވީއްސުރެ ހަނގުރާމައިގެ ތެރޭގައި އުޅެމުންދާ ކުދިންތަކެވެ. ފިނިމޫސުމުގެ ގަދަ ފިންޏަކީ ނަފްސާނީގޮތުން އެތައް ގެއްލުމެއް ލިބިފައިވާ މި ކުޑަކުދީންނަށް ލިބިގެންދާ އިތުރު ބުރައެކެވެ.
ފިނީގެ ސަބަބުން ދުނިޔެ ދޫކޮއްފައި ދާ ކުދިން ގިނަވަނީ އެކުދިން ފިނިން ސަލާމަތްވާން ދާނެ ތަނެއް ނެތުމުންނެވެ. އެކަމަށް އެހީ ވެވޭނެ ފެންވަރު ހުރެ އަޅާނުލެވިއްޖެނަމަ ދެން އަޅުގަނޑުމެންގެ އިންސާނިއްޔަތު ކަމާއިމެދު ސުވާލު ނުއުފެދޭތޯ؟ އަޅުގަނޑުމެންގެ ދަރިންނަށް އެ ކުދިން ނުވުމަކީ މޫނު އަނބުރާލަން އޮތް އުޒުރެއްތޯ؟
އެކުދިންގެ ޓެންޓްތަށްވެސް ހުރީ ހަލާކުވެފައެވެ. ފިނިން ރައްކާތެރިވާނެ ގޮތެއް އެކުދިންނަކަށް ނެތެވެ.
މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ރާއްޖޭގައި ހިންނި "ވިންޓާ ޕްރޮކްޓް" ނިންމާލުމާއިއެކު އެޖަމިއްޔާގެ ފޭސްބުކްފައި ހިއްސާކުރި ވީޑިއޯއިން ސުވާލު ކުރި ގިނަ ކުޑަކުދިންނަކީ ފިނިން ރައްކާތެރިވާނޭ ގޮތް ނެތިފައިތިބި ކުޑަކުދިންނެވެ. ދިވެހި ރައްޔިތުން ވެދެއްވި އެހީތެރިކަމުން އެކުދިންގެ ހިތަށް ވެރިވެގެން ދިޔަ ހިނިތުންވުމަކީ މި އެހީތެރިކަމުގައި ކުޑަ ނަމަވެސް ހިއްސާއެއް އޮތް ފަރާތެއްގެ ހިތަށް ލިބިގެންދާނެ ތަސައްލީއެއްކަން ޔަޤީނެވެ.

ކާނާ ގަނެފައި ޖެކެޓެއް ގަންނަ ވަރަށް ވުރެއް ޖެކެޓުގެ އަގުބޮޑު ކަމަށް ގިނަކުދިން ވަނީ ބުނެފައެވެ.
ޖެކެޓެއް ގަނެދޭނެ މީހަކު ނެތް! ބައްޕަ ވަނީ މަރުވެފަ
މައުސޫމް ތުއްތު ކުއްޖަކު އިސްދަށަށް ޖަހާލައިގެން ހުރެ ބުނެލިއެވެ.
އަނެއް ކުއްޖަކު ބުނެފައިވަނީ އެއިނާގެ ޖެކެޓު ލެވޭ ވަރަށް ވުރެން މިހާރު މާކުޑަވެފައިވާކަމަށާއި އެހެން ކަމުން އެއިނާގެ ފިރިހެން ކޮއްކޮ އަށް ދީފައިވާ ކަމަށެވެ.
އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ މަރުވެފައި، އެހެންވެ އަހަރެންނަށް ގަނެދޭނެ އެކަކުވެސް ނެތް
ދެރަވެ މާޔޫސް ކަންމަތީ ހުރި ފިރިހެން ކުއްޖަކު ބުނެފައިވެއެވެ.
މިސުވާލުތަކަށް ފަހު މިކުދިން ޖެކެޓު ލުމަށް ފަހު މޫނުމައްޗަށް ވެރިވި ހިނިތުންވުމާއި އުފާވެރިކަމަކީ ކޮންމެ ހިތްތައް އުފަލުން ރޮއްވާލާ ވަރުގެ ހިނިތުން ވުމެކެވެ. މިމަޢުސޫމް ތުއްތު ޔަތީމު ކުދިންގެ ހާލަތާއި މެދު ކޮންމެ މަޔެއް އަދި ބަފައެއްގެ ހިތުގައިވާ ކެކުޅުމަކީ ބަޔާންކޮށްދޭން ދަތިކަމެކެވެ.
ނިކަމެތިންނަށް އެހީ ވެވިދާނެ އެތަށް ގޮތެއް ﷲ ގެ ރަޙްމަތުން ވަނީ ފަހިވެފައެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެންމެ ކޮފީއެއްގެ މިންވަރުވެސް ޤުރުބާން ކޮށްލަން ފަސްޖެހުމީ ހިތާމަހުރި ކަމެކެވެ. މިކުދިންގެ ހާލަތު ތަސައްވަރު ކުރެވެނީ އަޅުގަނޑުމެން ތެރެއިން ކިތައް މީހުންނަށްތޯ؟ ޒަމާން ތަރައްޤީވެ ބަވަނަ ވެފައިވާ މި ދުނިޔޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅެމުންދާ މިފަދަ ކުދިންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ މިއަަދު ފަސޭހަ ކަމެކެވެ. މިއަދު އެމަގު މިވަނީ އެކި މަދަދުވެރި ފަރާތްތަކުގެ އެހީއާއެކު ފަހިވެފައެވެ.
ސީރިޔާގެ ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް ދިވެހިންގެ ފަރާތުން އެހީ ދީފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ހިންގާ "ސަރވައިވިންގ ވިންޓަރ ވިތް ސީރިއާ" ހަރަކާތްތަކުގެ ތެރެއިންނެވެ. މިހަރަކާތުގައި 500 ޖެކެޓާއި 500 އިސްޓާކީނާއި 1000 ފިނީގައި އަޅާ ތޮފި އަދި އަންގި ވަނީ ހަދިޔާ ކޮށްފައިވާކަމަށް އެޖަމިއްޔާއިން ތިލަދުންއަށް މަޢުލޫމާތު ދީފައިވެއެވެ.
ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ރާއްޖޭގައި ހިންގަމުންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން މިދިޔައަހަރު ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްކުރި ފައިސާއިން އިދްލިބްގައި ހާލުގައި ޖެހިފައިވާ 128 ޔަތީމު ކުއްޖަކަށް ސްކޫލް ކިޓް ބަހާފައިވެއެވެ.
މިދިޔަ އަހަރުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ސީރިޔާގެ ހާލުގައި ޖެހިފައިވާ 250 އާއިލާ ފިނިން ސަލާމަތްވުމަށް އެހީވުމަށްޓަކައި ޑީސަލް ބަހާފައިވެއެވެ. މި ޑީސަލަކީ ފިނި މޫސުމުގައި އަލިފާން ރޯކޮށް، ފިނިން ސަލާމަތްވުމަށް ދިން އެހީއެކެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމަށް ދިވެހިންގެ ބަޔަކު އިސްވެ ހިންގާ ހަރަކާތެކެވެ. މި ކެމްޕޭންގެ ތެރެއިން މީގެކުރިންވެސް ސީރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!