މަގުމަތީގެހަމަޖެހިމާއި ރައްކާތެރިކަން ހިފަހައްޓަން ބަލާއިރު މަޖިލީހުގެ މެމްބަރުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބިބަޔެއްކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ''އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ'' ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފަލާހް ވަނީ އެ ބިލަށް ޖުމްލަ ގޮތެއްގައި ތާއީދުކުރަށްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި މަގުމަތީގެހަމަޖެހިމާއި ރައްކާތެރިކަން ހިފަހައްޓަން ބަލާއިރު މަޖިލީހުގެ މެމްބަރުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބިބައެކެވެ. އަދި އެންމެ ފުރަތަމަ މެމްބަރުން ނަމޫނާ ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެވާހަކާއި އޭނާ ގުޅުވައިލީ އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހިނގާދިޔަ ކަންތައްތަކާއެވެ. އެ މުޒާހަރާއަކީ އެމްޑީޕީން ތިން މަހެއްހާ ދުވަސްކުރިން ޕްރޮމޯޓްކޮށްގެން ބޭއްވި މުޒާހަރާއެއްކަމަށާއި، މުޒާހަރާ ޕްރޮމޯޓް ކުރަން ފެށީވެސް ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާޢިދުތަކާއި ޚިލާފަށް ސީދާ ކުށެއްގެ ގޮތުގައިކަމަށް ފަލާހް ވިދާޅުވިއެވެ.

''ގާނޫނުއަސާސީގައި ބުނޭ ގާނޫނީ ވެރިކަން ކުށެއްނެތި މަސައްކަތްކުރުމަކީ ގާނުނީ ބޮޑުކުށެއް، ފުރަމަ މަޖިލީހުގެ މެމްބަރުންނަށް އެނގެން އެބަޖެހޭ، ކިޔަން އެބަޖެހޭ، މެމްބަރުންނަކީ ކޮންމެ ދުވަހަކު ޤާނޫނުއަސާސީގެ ބާބުތައް ކިޔަމުން އަންނަ ބަޔެއް، އަޅުގަނޑުމެން މީގައި އޮތް އެއްޗަކަށް އަމަލުނުކުރާކަމަށްވަންޏާ އަަމަލުކުރާނީ އަޅުގަނޑު ހިތައް އަރަނީ ކޮންބަޔެއްބާއްވައޭ؟'' ފަލާގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 2008 އިން ފެށިގެން މިހާތަނަށް ބޭއްވި މުޒާހަރާތަކަށް ބަލާއިރު 3 އޮކްޓޯބަރުގެ މުޒާހަރާ ފެނުނީ އާދަޔާ ޚިލާފް ނުރައްކާތެރި މުޒާހަރާއެއްގެ ގޮތުގައި ކަމަށެވެ.

''ދިވެހި ފުލުހުންނާއި ކުރިމަތިވީ، ކެންދޫ މެމްބަރު ފުލުހުންނަށް ހުރަސްއެޅި މަންޒަރު ދުށިން، ޝީލްޑެއް ތެރޭ އޮއްވާ ދުށިން، ފުލުހުންނަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް، އެވަރުކުށެއްކޮށްފިނަމަ ގޮނޑިގެއްލެންޖެހޭނެ،'' ފަލާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނުތަކާއި ޤަވާއިދުތަކަށް ބޮޑެތި އިސްލާހްތަކެއް ގެންނަންޖެހޭ ކަމަށާއި، އެހެންނޫނީ މިގައުމަށް އަމާންކަމެއް، ރައްކާތެރިކަމެއް ނުލިބޭނެކަމަށެވެ.