ޤައުމީ ދިފާޢީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް މިއަދު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.
HEP inaugurated Commanders Conference 2020 “Towards a Holistic Command Philosophy for MNDF” today.The 4-day Cdrs Conf is among the several landmark initiatives by @MariyaDidi, @CDFofMNDF in order to increase op capacity, capability, profesionalize, streamline the org. pic.twitter.com/pBl4z1s63T
— Maldives National Defence Force (@MNDF_Official) February 17, 2020
ކޮމާންޑަރސް ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްޤީކޮށް މޮޑަނައިޒްކޮށް ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާޢީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެކެވެ. މި ކޮންފަރެންސްގެ ބޭނުމަކީ އެމްއެންޑީއެފްގެ ޤާބިލްކަމާއި ރެޑިނަސް އަދި މިޝަން އިފެކްޓިވްނަސް އިތުރުކުރުމަށްޓަކައި ވަށާ ޖެހޭ ކޮމާންޑް ފަލްސަފާއެއް ޑިވެލޮޕްކުރުމެވެ.

ކޮމާންޑާސް ކޮންފަރެންސް ހުޅުވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންނަކީ ޤައުމުގެ ސަލާމަތުގެ އައްޑަނަ ކަމުގައި ސިފަކުރައްވާ، ސިފައިންގެ ޚިދުމަތަކީ ފައިސާއާއި މުދަލުން އަގު އަދާކުރެވޭެ ޙިދުމަތެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން ސިފައިންގެ މައްޗަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ކީނޯޓް ދެއްވެވި ދިފާޢީ ވަޒީރު އޮނަރަބަލް އުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޑިމޮކްރެޓިކް ނިޒާމުގައި ސިފައިންނަށް ޚާއްޞަ ކުރެވިފައިވާ ރޯލާއި ރައްޔިތުން އިންތިޚާބުކުރާ ވެރިކަމާ ސިފައިންނާ ދޭތެރޭ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ދިފާޢީ ބާރުގެ ކޮމާންޑް ފަލްސަފާ ކަނޑައަޅުއްވައިދެއްވާ ކޮމާންޑް ފަލްސަފާގެ މައިގަނޑު ބައިތައް ތަފްޞީލުކޮށްދެއްވިއެވެ.
.jpg)
ކޮންފަރެންސްގެ ކުރިއަށް ހުރި ސެޝަންތަކުގެ ތެރޭގައި އޮޕަރޭޝަނަލް ރެޑިނަސް އާއި ކުރިމަގަށް އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމާއި ޓެކްޓިކަލް ލެވެލްގައި އޮޕަރޭޝަނަލް އިފެކްޓިވްނަސް އިތުރު ކުރުމާއި އެންލިސްޓަޑް ލީޑަރުންގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!