ކޯޓު އަމުރެއްގެ ދަށުން މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުންނާއި ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު އިލްޔީން އަޙްމަދު (25އ) އާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު ޢަލީއެވެ.
މިގޮތުން މި އޮޕަރޭޝަނުގައި އެ ދެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމުކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އާއި ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އާމިނަތު އިލްޔީން އަޙްމަދު އާއި އިނާޔަތު ޢަލީ ވަނީ 7 ދުވަހަށް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!