އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތާއެކު، ޕޯޗުގަލުން ވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފިއެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ބަލައިގަތުން އޮންނާނީ އާދީއްތަ ދުވަހު ކަމަށެވެ. އެއީ އދ. ގެ ޢާންމު މަޖިލީހުގައި ފަލަސްޠީނު ދައުލަތަކަށް ހެދުމާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރީ ދުވަހެވެ.
"ފަލަސްޠީނު ދައުލަތް ޕޯޗުގަލުން ބަލައިގަންނާނެކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކުރަން، ރަސްމީކޮށް ބަލައިގަތުން އޮންނާނީ ސެޕްޓެމްބަރު 21 ވާ އާދީއްތަ ދުވަހު، ކުރިއަށް އޮތް ހަފުތާގައި ބޭއްވޭ މަތީ ފެންވަރުގެ ބައްދަލުވުމުގެ ކުރިން" ޕޯޗުގަލްގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓުގައި ބަޔާންކޮށްފައިވެއެވެއެވެ.
ޕޯޗުގަލްގެ "ކޮރެއިއޯ ދަ މަންހާ" ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ނިންމުން ނިންމުމުގެ ކުރިން، އެ ޤައުމުގެ މެދުމިނުގެ ވެރިކަމެއް ކުރާ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ވަނީ އެ ގައުމުގެ ރައީސް އަދި ޕާލިމެންޓާ މަޝްވަރާކޮށްފައެވެ. މިއީ 2011 ގައި "ލެފްޓް ބްލޮކް" ސިޔާސީ ޕާޓީން ހުށަހެޅި ހުށަހެޅުމަކަށްފަހު، 15 އަހަރު ވަންދެން ޕާލިމެންޓުގައި ބަހުސްކުރެވެމުން އައި މައްސަލައެއްގެ ނިމުން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ޕޯޗުގަލްގެ މި އިޢުލާނު އައިސްފައިވަނީ އދ. ގެ މުހިންމު ތަޙްޤީޤަކުން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށް ކަނޑައެޅި ދުވަސްތަކެއްގެ ފަހުންނެވެ.
ޕޯޗުގަލްގެ ސަރުކާރުން ފުރަތަމަ ފަހަރަށް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ނިޔަތް ފާޅުކުރީ ޖުލައި މަހުއެވެ. އޭރޭރު އެކަން ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި "ކޮންފްލިކްޓް ވަރަށް ނުރައްކާތެރި ގޮތަކަށް ކުރިއަށްދާކަން" އާއި އިންސާނީ ހާލަތާއި، އަދި އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އަތުލުމަށް ތަކުރާރުކޮށް ދެމުންދާ އިންޒާރުތައް ހިމެނެއެވެ.
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންގެ ލަފާދޭ ބޭފުޅަކު ހުކުރު ދުވަހު ވިދާޅުވެފައިވަނީ އެންޑޯރާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ލަކްސެމްބާގް، މޯލްޓާ އަދި ސަން މަރީނޯ ފަދަ ޤައުމުތަކުން ވެސް ހޯމަ ދުވަހު ނިއު ޔޯކުގައި ބޭއްވޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެވެ. މި ބައްދަލުވުމަކީ ފްރާންސް އާއި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ. ކެނެޑާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެފަދައިން ޢަމަލުކުރާނެ ކަމަށް ބުނެފައެވެ.
މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް، އދ. ގެ މެމްބަރު ޤައުމުތަކުގެ 75 އިންސައްތަ ކަމަށްވާ 147 ޤައުމަކުން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ.
ޕޯޗުގަލަކީ ވެސް ހުކުރު ދުވަހު ނެގުނު ވޯޓެއްގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ކުރިއަށް އޮތް ހަފުތާގައި އދ. ގެ ޢާންމު މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމަށް ތާއީދުކުރި 145 ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިފަދަ ފުރުޞަތެއް ހޯދަން ޖެހުނީ އެމެރިކާއިން އައްބާސް އަށް ވިސާ ދޫކުރުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
މި ހުރިހާ ކަމަކީ ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރެއިން ގިނަ ބަޔަކު ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދުކުރާކަން ދައްކުވައިދޭ ކަންކަމެވެ. އަދި މިއީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމުގައި ވެސް ބެލެވެއެވެ. ނަމަވެސް، މި ކަންކަމުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޙަމަލާތައް ހުއްޓުވުމަށް ސީދާ އަސަރެއް ކުރާނެކަމީ ސުވާލު އުފެދޭ ކަމެކެވެ. އެހެންނަމަވެސް، މިއީ ފަލަސްޠީނުގެ މައްސަލައަށް އިތުރު ސަމާލުކަމެއް ގެނެސްދޭނެ ކަމެއް ކަމުގައި ޝައްކެއް ނެތެވެ.
އިސްރާއީލުގެ ޙަމަލާތައް ފެށުނު 2023 ގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް މަދުވެގެން 65,141 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 165,925 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ވާނީ ވީރާނާވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި ވަޅުލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!