މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ތިން ބިދޭސީން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އިއްޔެ ހިނގި މި އޮޕަރޭޝަންގައި މާލޭގެ ތިން އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ.
މި ބަލައި ފާސްކުރުމުގައި ނުވަ ފުޅި ބަނގުރަލާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ހަ ފުޅިއާއި، 500 އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނުނެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 29,000 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި 100 ޑޮލަރު ވެސް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ސައްބިރް ހޮސައިން (33 އަހަރު)، ބަންގްލަދޭޝްގެ މުހައްމަދު ބަދަލް (52 އަހަރު) އަދި އިންޑިއާގެ ރާޖު ދަސް (20 އަހަރު) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ހައްޔަރުކުރެވުނު ތިން ބިދޭސީން ވަނީ ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!