އަލްބޭނިއާގެ ސަރުކާރުން ޕަބްލިކް ޕްރޮކިއުމަންޓް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އައު މިނިސްޓަރަކީ "ދިއެއްލާ" ގެ ނަމުން ނަންދެވިފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއްކަމަށް، ހަތަރުވަނަ ދައުރަކަށް ވެރިކަން ފެށުމަށް ތައްޔާރުވަމުންދާ އެގައުމުގެ ބޮޑުވަޒީރު އެޑި ރާމާ އިޢުލާން ކުރައްވައިފި އެވެ.

ބޮޑުވަޒީރު އެޑި ރާމާ ވަނީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި "ދިއެއްލާ" އައްޔަންކުރެއްވިކަން އިޢުލާން ކުރައްވާ މި ބޮޓު ތަޢާރަފުކޮށްދެއްވާފައެވެ. އަލްބޭނިއަން ބަހުން "އިރު" މާނަކުރާ ދިއެއްލާ އަކީ، ރިޝްވަތާއި، ބިރުދެއްކުމާއި، ނުފޫޒުން އެއްކިބާވެފައިވާ ފަރާތެއްކަމަށް ވާނެކަމަށާއި ސަރުކާރުން އަމިއްލަ ކުންފުނިތަކާއެކު ހިންގާ އެންމެހާ މަޝްރޫޢުތަކުގެ ޓެންޑަރުތައް ބަލަހައްޓާ ފަރާތް ކަމުގައި ވާނެކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

Ad
rt

އެންމެ ފުރަތަމަ، ދިއެއްލާ ތަޢާރަފުކުރެވުނީ މިއަހަރުގެ ޖަނަވަރީ މަހު އޭއައި ވާރޗުއަލް އެސިސްޓެންޓެއްގެ ގޮތުގައެވެ. އަލްބޭނިއާގެ އާންމު ސަގާފީ ހެދުން ލައިގެން ހުންނަ އަންހެނެއް ސިފަކޮށްދޭ މި ބޮޓުން ވަނީ 36،600 ޑިޖިޓަލް ލިޔެކިޔުން ދޫކޮށް، ގާތްގަނޑަކަށް 1،000 ޚިދުމަތް ފޯރުކޮށްދީފައެވެ.

އަލްބޭނިއާގައި ސަރުކާރުގެ ޓެންޑަރުތަކަކީ ގިނަ އޮޅުވާލުންތަކާއި އަޑިނޭންގޭ ކަންކަމުން ބޮއްސުންލާފައިވާ ނިޒާމެކެވެ. މާހިރުން ދެކޭގޮތުގައި އަލްބޭނިއާއަކީ މަސްތުވާތަކެއްޗާއި ހަތިޔާރު ވިއްކައިގެން ލިބޭ ފައިސާ ދޮވުމުގެ މަރުކަޒަކަށްވެފައިވާ ޤައުމެކެވެ.

އިންތިހާއަށް ކޮރަޕްޝަން ބޮޑުވުމަކީ އަލްބޭނިއާއިން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރޝިޕް ހޯދުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ކަމެކެވެ. ބޮޑު ވަޒީރު އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރުގެ ކުރިން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރޝިޕް ހޯދުމަށެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި މިފަދަ ފިޔަވަޅަކުން ސަރުކާރުގެ ޕްރޮކިއުމަންޓްގެ ހާމަކަން އިތުރުވެ، ޑިޖިޓަލް ޚިދުމަތްތަކަށް އިތުބާރު އިތުރުވެގެންދާނެއެވެ. ނަމަވެސް މިކަމަށް ސާފު ޤާނޫނީ އޮނިގަނޑެއް، ބެލެހެއްޓުމާއި ޖަވާބުދާރީވުން މުހިންމެވެ. އާޓިފިޝަލް އިންޓެލިޖެންސް ސަރުކާރު ހިންގުމުގައި ބޭނުންކުރުމުން ބިއުރޮކްރަސީ މަދުވެ، ޓެންޑަރުގެ މަސައްކަތް އަވަސްވެ، އަދި ހާމަކަން ބޮޑުވެގެންދާނެކަމަށް ބުނެއެވެ.