ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ.

Ad
rt

ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ) ވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

މީގެއިތުރުން، ސެޕްޓެންބަރު 6 ގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ލަންދޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނުނެވެ.

އަޙުމަދު އަބާން ޢަލީގެ މައްސަލައިގައި ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދެ މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށެވެ.