މާލެއާއި ފަލަސްތީނާ އެއްގޮތްކޮށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ މިއަދު ޓުވީޓެއް ކުރައްވާ މައާފަށް އެދިވަޑައިގެންފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި މާލޭ މީހުންގެ ނިކަމެތި ހާލާއި މެދު ދެއްކެވި ވާހަކަފުޅަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އަނދުން މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއް ގޮތަށް ކަމަށާއި މާލެ މިހާރު އޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން ނިކަމެތި ހާލު ސިފަކޮށްދިނުމަށް ކަމަށެވެ.

Ad
rt

އަނދުން ވިދާޅުވީ އޭނާ އެ ވާހަކަތައް ދެއްކެވީ، އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫން ކަމަށާއި ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ނުބުނާނެ ކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑު ދެއްކެވި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެން،

އަނދުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުނަށް ކުޑައިމީސްކޮށް ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެން އަނދުން ޓްވީޓެއް ކުރައްވާފައި މި ވަނީ، އެއް ރަށް އަނެއް ރަށާ އަޅާ ކިޔައި ރަށްރަށް ކުޑައިމީސްވާ ގޮތަށް މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަ ނުދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވަނިކޮށެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މާލެ އެއްކޮށް ހިއްކައި ރާއްޖޭގެ އެހެން ތަންތަނުން މީހުން ގެނެސް ވަޒަންވެރި ކުރުވީ ކަމަށާއި މާލެއަކީ މާލެ މީހުންގެ ތަނެއް ކަމަށެވެ. އޭނާގެ ވާހަކައާ ގުޅިގެން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވިއިރު، މަޖިލީހުގައި އަތޮޅުތެރޭގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ވެސް އެއަށް ރައްދު ދެއްވި އެވެ. އޭގެ ތެރޭގައި އަނދުން ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.