މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތައް ގިރަމުންދާ ޕެސިފިކް ސަރަހައްދުގެ ޖަޒީރާ ގައުމު ޓުވާލޫގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އޮސްޓްރޭލިއާގެ ވިސާއަށް އެދި ހިޖުރަ ކުރަން ނިންމައިފި އެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރުމަށް ޚާއްސަ ވިސާއެއް ތަޢާރަފުކުރި ދުނިޔޭގެ ފުރަތަމަ އެއްބަސްވުމުގެ ދަށުން، އޮސްޓްރޭލިއާއިން ވަނީ 2023 ވަނަ އަހަރު ޓުވާލޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 280 ވިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި 3،000 އަށްވުރެ ގިނަ ޓުވާލޫ ރައްޔިތުން ވަނީ ވިސާއަށް އެދިފައެވެ.
ޓުވާލޫގެ ޖުމްލަ އާބާދީއަކީ 11،000 އަށްވުރެ މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާގެ ވިސާ ލިބޭ ފަރާތްތަކަށް ތަޢުލީމާއި، މެޑިކެއަރ އަދި އެހެނިހެން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލިބޭނެއެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިސާ ލިބޭ ފަރާތްތައް އެނގި، އަހަރު ނިމުމުގެ ކުރިން ފުރަތަމަ ބުރުގައި އޮސްޓްރޭލިއާއަށް ފުރާނެ ކަމަށް ބެލެވެއެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަހަރެން ދިރިއުޅެމުން މިދަނީ ޙަޤީޤީ ނުރައްކަލެއްގެ ތެރޭގައި ކަމަށާއި ޓުވާލޫގެ އެންމެން ހެން ދިރިއުޅެނީ ގޮނޑުދޮށާ ކައިރީގައި، އެހެންވީމާ މި ކަމުގެ ނޭދެވޭ އަސަރު އެންމެންނަށް ކުރޭ." ރައިޒިންގ ނޭޝަންސް އިނީޝިއޭޓިވްގެ ޒުވާން މަންދޫބު ގްރޭސް މަލީ ބުނެފައިވެއެވެ.
ނާސާގެ ދިރާސާތަކުން ދައްކާގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ޓުވާލޫގެ ކަނޑުގެ ލޮނުގަނޑު 15 ސެންޓިމީޓަރު އުފުލޭނެއެވެ. މިހާރުވެސް ލޮނުގަނޑު އުފުލުމުގެ ސަބަބުން ދަނޑުބިންތަކަށް ލޮނުގެ އަސަރުކޮށް، ބިމުގެ ފެން ތަޣައްޔަރުވެ، ރައްޔިތުން ވާރޭފެނަށް ބަރޯސާވާން ޖެހިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގައި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާވެސް އިތުރުވެފައިވާ ކަމަށް ޔުނިސެފް އޮސްޓްރޭލިއާއިން ވަނީ ފާހަގަކޮށްފައެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ޓުވާލޫ ސަރުކާރުން ވަނީ 2017 ވަނަ އަހަރު "ޓުވާލޫ ކޯސްޓަލް އެޑަޕްޓޭޝަން ޕްރޮޖެކްޓް" (ޓީސީއޭޕީ) ތަޢާރަފުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ގިރުމުގެ ނުރައްކާ ދެނެގަތުމާއި، ބިން ހިއްކުމާއި، އަދި ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވެއެވެ.
އެހެންނަމަވެސް، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް މުޅިން ފެންއަޑިއަށް ދިއުމުގެ ނުރައްކާ އޮތުމާއެކު، ޓުވާލޫ ސަރުކާރުން ވަނީ ޤައުމުގެ ޑިޖިޓަލް ކޮޕީއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޓުވާލޫގެ ބިމާއި، މުއްސަނދި ތާރީޚާއި ޘަޤާފަތް އަރުޝީފުކޮށް، ސަރުކާރުގެ އެންމެހާ މަސައްކަތްތައް ޑިޖިޓަލް ޕްލެޓްފޯމަކަށް ބަދަލުކުރުމެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަތަމަ ގެއްލިގެންދާނެ ޤައުމަކަށް ޓުވާލޫ ވުމުގެ ފުރުޞަތު އޮތްއިރު، މިއީ އެންމެ ފަހު ޤައުމު ނޫންކަން ކަށަވަރެވެ. ދުނިޔޭގެ ވިހަ ބޭރުކުރުމުގެ އެންމެ 0.02 އިންސައްތަ ޕެސިފިކް ޖަޒީރާ ޤައުމުތަކުން ބޭރުކުރި ނަމަވެސް، މޫސުމީ ބަދަލުތަކުގެ އެންމެ ނުރައްކާތެރި އަސަރުތައް ކުރަމުންދަނީ މި ސަރަހައްދުގެ ޤައުމުތަކަށެވެ.
ގިނަ އަދަދެއްގެ ޓުވާލޫ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކުރަން ނިންމަމުންދާއިރު، މިއީ އެހެން ޖަޒީރާ ޤައުމުތަކުގެ ރައްޔިތުންނަށްވެސް ކުރިމަތިވާނެ ހާލަތެއް ކަމުގައި ބެލެވެއެވެ. މިކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!