މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަލަށް އިމާރާތް ކުރަމުންދާ ސީޕްލޭން ޓާރމިނަލް އޮޕަރޭޓްކޮށް ޖާގަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައިފި ކަމަށް މިއަދު ފިނޭންސް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ތަރައްޤީކުރަމުން ގެންދާ ވެލާނާ
އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސީޕްލޭން ޓަރމިނަލްއަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ކުރިއަށް ގެންދާ
މަޝްރޫއެއްކަމަށާއި އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ފުރިހަމަ ކުރުމަށާއި އަދި
ޕަސެންޖަރ ޓްރެފިކް މެނޭޖްކުރުމަށް ކޮންމެހެން މުހިއްމު މަޝްރޫޢުއެއްކަމައް އަދި ސީޕްލޭން އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމުގައި އަދި ތަރައްޤީކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބަޔަކަށްވާއިރު، އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ސަރުކާރުން ސީޕްލޭން އޮޕަރޭޓްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް އޮތުމަކީ މި ސިނާއަތުގެ ކުރިއެރުމަށާއި އަދި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މުހިއްމުކަމެއްކަމަށް ބުނެފައި ވެއެވެ.
މިކަން ހާޞިލްކުރުމަށްޓަކައި އެމް.އޭ.ސީ.އެލްއިން ލޯން ނަގައިގެން ތަރައްޤީކޮށްފައިވާ ސީޕްލޭން ޓަރމިނަލް ބޭނުންކުރުމާގުޅޭ ގޮތުން ސަރުކާރުންވަނީ ގޮތްތަކެއް ނިންމާފައެވެ. އަދި ސަރުކާރުން ވާނީ، މި ނިންމުންތައް
އެމް.އޭ.ސީ.އެލް ގެ ބޯޑާ ހިއްސާކޮށްފައެވެ. މިގޮތުން ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައިވާނީ
އެމް.އޭ.ސީ.އެލްއަށް ލިބެންއޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލުކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރުވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަމަލުކުރުމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ސީޕްލޭން އޮޕަރޭޓަރުންނަށް މި ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ގޮތަކަށް އަމަލުކުރުމަށްކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން މިހާރު ސީޕްލޭން އޮޕަރޭޓް ކުރަމުންދާ ބައެއް ފަރާތްތަކުން އެފަރާތްތަކުން އަމިއްލަ އަށް އިންވެސްޓްކޮށްގެން މިހާރު ހަދާފައިވާ ޓާރމިނަލްތައް ހުސްކުރަންޖެހިފައިވުމާ އަދި މިކަމާ ގުޅިގެން އެފަރާތްތަކަށް އެމް.އޭ.ސީ.އެލުން ދީފައިވާ ކޮމިޓްމަންޓް ތަކަށް ރިއާޔަތްކޮށް، އެފަރާތްތަކާމެދު އިންސާފުވެރިކަމާއެކު އަމަލު ކުރުމުގެ އިތުރުން، މިފަރާތްތަކަކީ ފޮރިން އިންވެސްޓްމަންޓް ތަކެއްކަމަށް ވުމާއެކު، ބޭރުފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަނީ އޮތް އިތުބާރާއި ޔަޤީންކަން ދެމެހެއްޓޭނެ ފަދަގޮތަކަށް ނިންމުންތައް ބައްޓަންކުރުމަށްވެސް ސަރުކާރުގެ މި ނިންމުމުގައި ރިއާޔަތް ކުރެވިފައިވާނެކަމަށް މި ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އެގޮތުން ސަރުކާރުން ނިންމާފައިވަނީ ތިރީގައި މިވާގޮތަށް ސީޕްލޭން ޓަރމިނަލްގެ ލައުންޖު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.
1) ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް، މިހާރު އެ އޮޕަރޭޓަރު ބޭނުންކުރަމުންދާ ލައުންޖުގެ ޖާގައިގެ ބޮޑުމިނާއި އެއްވަރަށް، މިހާރުވެސް އެފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓްގައި އައު ސީޕްލޭން ޓާރމިނަލުން، 2 އަހަރު ދުވަހުގެ މުއްދަތަށް ޖާގަ ކުއްޔަށް ދިނުން
2) މަންތާ އެއަރ އަށް، އެފަރާތުގެ މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖު ޖާގަ މިހާރުވެސް އެފަރާތުން
ކުއްޔަށް ހިފާފައިވާ ރޭޓްގައި، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން.
3) މަތީގައިވާ ގޮތަށް އޮޕްރޭޓަރުންނަށް ލައުންޖް ޖާގަ ހަމަޖެއްސުމަށްފަހު، ބާކީވާ ލައުންޖް ސްޕޭސް އަށްވާ ޖާގަ، ޑިމާންޑަށް ބަލައި، ޓެންޑަރ އުސޫލުން އެމްއޭސީއެލް އިން ހުޅުވާލައި، ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެފަދަ ގޮތަކަށް ދޫކުރުން.
4) އައިލަންޑް އޭވިއޭޝަނުން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ޖާގަ ކުރިއަށް އޮތްތަނުގައިވެސް އެފަރާތުން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެފަރާތަށް އެކަން ކުރިއަށް ގެންދެވޭނެ މަގުފަހިކުރުން.
5) 2 އަހަރުގެ މުއްދަތުގެ ތެރޭގައި އައު ސީޕްލޭން ޓަރމިނަލްގެ ފުލް އޮޕަރޭޝަންސް އެމް.އޭ.ސީ.އެލްއިން
އިންޑަސްޓްރީގެ އިތުބާރާއެކު ހިންގޭނެގޮތަށް ޕްލޭނެއް އެކުލަވާލައި އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
މީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަމާގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ޓީ.އެމް.އޭއިން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްއަކީ އެފަރާތުން އަމިއްލައަށް އިންވެސްޓްކޮށްގެން ތަރައްޤީކޮށްފައިވާ ސީޕްލޭން ޓަރމިނަލްއަކަށްވެފައި އެފަރާތުން ރިލޮކޭޓްކުރާއިރު އިތުރު ޚަރަދުތަކެއް ހިނގާނެތީއާއި އެފަރާތުން މިހާރު ދެމުންގެންދާ ޚިދުމަތް ދިނުމަށް އެއާ އެއްވަރުގެ ޖާގައެއް އައު ސީޕްލޭން ޓަރމިނަލްއިން ހަމަޖެއްސުމަކީ އެ އޮޕަރޭޓަރަށް އިންސާފުވެރިގޮތެއްކަމަށް ބަޔާންކޮށްފައިވާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މަތީގައިވާ ގޮތަށް ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުން ކުރިއަށް ގެންދިއުމުން ސީޕްލޭން އޮޕަރޭޝަންސް ވާދަވެރިކަން މިހާރަށްވުރެ އިތުރުކުރަން ފުރުސަތު ލިބި އަދި މިހާރުވެސް ސީޕްލޭން އޮޕަރޭޝަންސް ހިންގާ ފަރާތްތަކުގެ އިތުބާރާއެކު ސީޕްލޭން ޓަރމިނަލް ކުރިއަށް ގެންގޮސް، އެމް.އޭ.ސީ.އެލްއަށް ސީޕްލޭން ޓާރމިނަލުން ބޮޑު އާމްދަނީއެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސީޕްލޭން ޓަރމިނަލް އަވަހަށް ހުޅުވާ ޚިދުމަތް ދޭންފެށުމަކީ އައު ރަންވޭ ބޭނުންކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފިނޭންސަ މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!