‏އަބަދުވެސް ނަން ފާހަގަކުރެވެނީ މަދު ބައެއްގެ އެވެ. ރާއްޖެދުށް މޮޅެތި ޅެންވެރިންގެ ތެރޭގައި “ހޭވާ ހޭވާ” ލިޔުއްވި ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (ލަނގޮޑި މާލިމީ) ނުހިމެނި ނުދާނެ އެވެ. ލަނގޮޑިމާލިމީގެ ގިނަ ފަރިހިތައް ބެލެވެނީ ނުލިޔެވި ގެއްލިފައިވާ ކަމަށެވެ.

"ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން" މިސުރުހީއަށް މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރގައި މަސައްކަތްކުރަމުން އަންނަ ޝަންމޫން ޖަލީލު (ލޫކަސް ޖަލީލް) ވަނީ ލަނގޮޑި މާލިމީގެ ވަރަށް ފުރިހަމަ ތަޢާރަފެއް ލިއުއްވާފައެވެ. ލުކަސް އަކީ ދިވެހި އަދަބިއްޔާތާއި ތާރީޚުގެ ދިރާސީ ލިޔުންތައް ލިއުއްވަމުން އަންނަ ފަރާތެކެވެ. ދިޔަވަތް ރަނގަޅު އޮޑި ފަހިރީގެ ޝައިރަކާ މެދު ނިސްބަތްކުރެވޭ އެއް ޝާއިރަކީ ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދުކަމަށް އެލިއުމުގައި ވަނީ ބުނެފަ އެވެ.

Ad
rt

ތިރީގައި މިވަނީ ލަގޮނޑިމާލިމީ އާއި ގުޅޭގޮތުން ލޫކަސް ޖަލީލް ލިޔެފައިވާ ލިއުމެކެވެ.

މިއީ ކުޅުދުއްފުށީ ދޮހާމާލިމީއެވެ. މުޅި ރާއްޖެއަށް މަޝްހޫރު ލަގޮނޑިމާލިމީއެވެ. ރާއްޖެދުށް މޮޅު ނިޔަންމެކެވެ. ބޮޑުތިލަދުންމަތި މާލެއައުން ނުވަތަ އުތުރުގަޑުބަޑުގެ ބޮޑުދަތުރުގެ ނަކައްޗާއަކަށް ހުންނެވިއެވެ. އަދި އެ ދަތުރުގެ ވާހަކައިން “ބޮޑުދަތުރު ފަރިހި” ހެއްދެވިއެވެ. ދިވެހިންގެތެރެއިން މިހާރު ނެތިފައިވާ އެެއިރުގެ ކުރިއަރާފައިވާ ނަކަތްތެރިކަމާ ނުޖޫމީ އިލްމާއި މޫސުމުގެ ނިމުތުކިޔުން (ވިއްސާރަބެލުން) ފަދަ އެތައް އިލްމެއް ދެނެލައްވާ ބެއިކަލެކެވެ.

ލަގޮނޑިމާލިމީގެ ވާހަކަތައް އަޅުގަނޑަށް ކިޔައިދެއްވީ ލަގޮނޑިމާލިމީގެ ނަސީމާއެވެ. ކުޅުދުއްފުށީ މާލިމީ ކަމަނަ ނުވަތަ ކަމަނަ ދައިތައެވެ. ފިލާއެޅުމާއި ނިޔަމިކަމުގެ ކަންކަން ލަގޮނޑި މާލިމީ މި ކަމަނައަށް ވެސް އުނގަންނައިދެއްވިއެވެ. މާލިމީ ކަމަނަ ކިޔައިދިން ގޮތުގައި ލަގޮނޑީމާލިމީގެ ހަޔާތުގައި “ރިޔާ ނެގި އެއްޗެހީގައި ކޮޅުނބަށް ކޮއްޗޭއަށް ދަތުރުކުރި. އެއީ މާލޭ ސަރުކާރު ބޮޑެތި ބޯޓު ފަހަރުގަ. އުތުރުގައި ބަން ބޮޑުތި އޮޑި ފަހަރުގައި އިންޑިއާގެ މާ ދުރު ހިސާބުތަކަށް ދަތުރުކުރި. ބައްޕަ ނިކަން ބޭނުންވާނެ އެއްޗެހި ދަސްކޮށްދޭން ކުދިންނަށް”

ލަގޮނޑި މާލިމީއަކީ ދިވެހިންގެތެރެއަށް މަޝްހޫރު އެތައް ފަރިއްސެއްގެ ޝާއިރެވެ. ފަރިހިކިޔުމުގެ ޒަމާން ގޮސް ލަވައިގެ ޒަމާން ދިވެހިންގެތެރެއަށް އައި އިރުވެސް ލަގޮނޑިމާލިމީގެ ބައެއް ފަރިހި “ލަވައިގެ” ގޮތުގައި މިއަދުވެސް މަގުބޫލެވެ. “ހޭވާ ހޭވާ ނެތިހޭ މި ދަނީ” މިހެން ބުނުމުން ނޭގޭ ދިވެއްސަކު މަދުވާނެއެވެ. ޝާއިރަކީ ކުޅުދުއްފުށީ މަޝްހޫރު ލަގޮނޑިމާލިމީއެވެ. ލަގޮނޑިމާލިމީގެ އެހެން ފަރިތައް ކިޔަން ދަންނަ މީހުން މިއަދުވެސް ދުނިޔޭގައި އެބަ ތިއްބެވެ. ލަގޮނޑިމާލިމީގެ ޅެންވެރިކަމާ މެދު މާލިމީ ކަމަނަ ބުނުއްވިއެވެ:

ވަރަށް ގިނައިން ފަރިހި ކިޔާނެ. ފަރިހި ހަދާނެ. ރައިވަރު ހަދާނެ. ރައިވަރު މީހުން ލައްވަ ކިޔުއްވާނެ

ލަގޮނޑި މާލިމީއަށް ފަރިހި އަދި ރައިވަރު ހަދަން އުނދަގޫ ވަގުތެއް ނާދެއެވެ. ހަމަ ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއި އެކު ފަރިއްސާއި ރައިވަރުތައް ހައްދަވައެވެ. އަދި މީހުން ލައްވައި އެ ތަކެތި ކިޔުއްވައެވެ. ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި އެއިރުގެ އިލްމުތައް ދެނެލައްވާކަމުން ހައްދަވާ ފަރިހީގެ އޮއްޓަރު ރަނގަޅެވެ. “ދިޔަވަތް ރަނގަޅު އޮޑި” ފަރިއްސާ ގުޅޭ ގޮތުން މާލިމީ ކަމަނަ ބުނުއްވިއެވެ:

“ދިޔަވަތް ރަނގަޅު އޮޑި އަކީ އަކީ ބައްޕަ ހެދި ފަރިއްސެއް. އެ ހަދައިގެން ގޭގަ މީހުން ލައްވައި ކިޔާކަން ހަނދާން ހުރޭ. ހީވާގޮތުން އޮޑީގަ ކުރި ދަތުރަކަށް ހަދާފަ. ކޮން ދަތުރެއްކަން ހަނދާން ނެތް”

ދިވެހި އަދަބިއްޔާތަށް އަގުނުކުރެވޭފަދަ އެތައް ފަރިއްސެއް ދޫކުރައްވާފައިވާ ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު، މަޝްހޫރު ލަގޮނޑިމާލިމީ ނިޔާވީ 70ގެ އަހަރުތަކުގެ ކުރީ ކޮޅުއެވެ. މުސްކުޅި އުމުރާ ޖެހެންދެންވެސް މާލިމީކަން ކުރެއްވިއެވެ. ލަގޮނޑި މާލިމީއަކީ ރާއްޖެދުށް މޮޅު ޅެންވެރިއެކެވެ. އެނަމެއް ދިވެހި އަދަބިއްޔާތު ފޮތްތަކުގައި އޮންނަން ޖެހޭ، މިހާތަނަށް ފާހަގަކުރެވިފައި ނުވާ ނަމެކެވެ.

ތިރީގައި މިވަނީީ ދިވެހި ޑައިޖެސްޓްގެ 32 ވަނަ ޢަދަދުގައި އަލީ ހުސައިން ލިޔުއްވާފައިވާ “ހޭވާ ހޭވާ”ފަރިހީގެ ތަޢާރަފެއް އަދި އެ ފަރިހީގެ ޝަރަހައެކެވެ.

ވަކިނަޒަރަކުން ބަލާއިރު މިފަރިއްސަކީ މިރޮނގުން މިފަދަ ދެވަނައެއްނެތްހާ ފުރިހަމަ ފަރިއްސެކެވެ. މިފަރިހި ހެއްދެވީ ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (މަޝްހޫރު ލަނގޮޑި މާލިމީ) އެވެ. ލަނގޮޑި މާލިމީއަކީ، ފާގަތި މާލިމީއެކެވެ. މޮޅު ނަކަތްތެރި އެދުރެކެވެ. ފަންޑިތައިގެ ތެރެއަށް ވަންނަވައި ހުންނެވި ބޮޑު ކަންވެރިއެކެވެ. ވަރަށްކުޅަދާނަ ޝާޢިރެކެވެ.

މިފަރިހީގެ ބަޠަލާއަކީ ކުޅުދުއްފުށީ ފޯ އިބްރާހީމްގެ ޢާއިޝަތު (ނުވަތަ ޢާއިޝަތު އިބްރާހީމް) އެވެ. ޢާންމު ނަމުން ދަންނަވާނަމަ، ފޯ އައިސައެވެ. އޭނާ ދުށްމީހުން ސިފަކޮށްދިންގޮތުން ފޯ ޢާއިޝަތުއަކީ ހެދިހުރި ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅު މެދުމިނަށްވުރެ ބަލާބެލުމަށް ކުޑަތަންކޮޅެއް ދިގުކަމަށް ފެނެއެވެ. ދިވެހިންގައި ހުންނަ ޢާންމު އޮޅަލި ކުލައަށްވުރެ ކުލަދޮނެވެ. ކުދިކުދި ދަތްތަކުން ގަތާލެވިފައިވާ ހިމުން ދަތްޕިލައެކެވެ. ތަނަވަސް ދެލޮލެވެ. ވަރަށް އަންހެންވަންތަ ދެތުންފަތާ ހަމަ އެފަދަ ނޭފަތެކެވެ. އަބަދުވެސް ތެޔޮލައި އޮމާންކޮށް އަރިމައްޗަށް ހުޅިޖަހާފައި އޮންނަ ބޮޑުއިސްތަށިގަނޑެކެވެ. ހަށިގަނޑުގެ ވަނާތައް ބޮޑުކަމުން ހުތުރެއް ނޫނެވެ. ކުޑަކަމުން އައިބެއްވެސްނޫނެވެ.

މީގެއިތުރަށް ނިސްވާނީ ސިފަތަކެއް ލިބިފައިވާ ކުރިމަތިންނާއި ”ފުރަގަހުން ނަލަކަނބާފުޅެކެވެ.“ ފުރަތަމަ ދުވަހުއްސުރެ ފެށިގެން، ރަށުގެކަތީބަކާ ނޫނީ ނުއިންނާނަންކަމަށް އައިސަބުނެއުޅުނުކަމަށް ވެއެވެ. މިބަހާއެއްގޮތަށް މީނާ ފުރަތަމައިނީވެސް ރަށުގެ ކަތީބަކާއެވެ. ދެން އިނީވެސް ކަތީބަކާއެވެ. މީގެއިތުރަށް ދެންތިއްބެވި ކަތީބުންނާ އައިސައާއިދެމެދުވެސް ”ވަރަށް ގުޅުންރަނގަޅު ކަމަށް“ ވެއެވެ. މިފަރިހީގައި ކަތީބުން ވާހަކަ މާގިނައިން ގެނެވިފައިވަނީ މިސަބަބަށްޓަކައެވެ. ހޭވެރިކަން ނެތެމުންދާކަމުގެ ޝަކުވާކޮށް، ފަހެ މަދެނެއް ނުވިހާނެހޭ ސުވާލުކުރި ދަރިފުޅު އައިސަ ވިހެއެވެ.

ހޭވާ ހޭވާ ނެތިއޭ މިދަނީ (ހޭ، ވާ، ހޭ، ވާ ނެތިއޭ މިދަނީ)

ހޭ ފަހެ މަދެނެއް ނުވިހާނޭ (ފަހެ މަ ދެނެއް ނުވިހާނޭހޭ؟)

މިއީ ފަރިހީގެ މައިގަނޑެވެ. މައިގަނޑުގައި ހޭ ގެ ފަހަތަށް މިއޮތް ވާ، އަކީ ކަންކަން ނުވަތަ ކަމެއްއޮތްގޮތް ބުނަންޖެހޭ ފަހަރުފަހަރު އެކަމެއްއޮތް ހާލަތުގެ ނާޒުކުކަން އަންގައިދިނުމަށް އިޝާރާތްކުރުމަށް ވާ، ގެންނަ ހަމައިގެމަތިން ގެނެސްފާއޮތް ވާ އެކެވެ. (މިސާލަކަށް: ތިޔަކަންތައް ވާ މިހާރު ތިޔަދަނީ މާމައްޗަށެވެ.) މިތާނގައި ވާ ގެނެސްފައި މިއޮތީ ހާލުގައިއޮތްމީހާގެ ހޭވެރިކަން ހުރިގޮތުގެމައްޗަށް އިޝާރާތްކުރުމުގައި ބާރުލުމުގެ ގޮތުންނެވެ. އެބުނަނީ އަހަރެންގެހޭ، ވާ، މިދަނީ ނެތެމުންނެވެ. އަހަރެން މިކަމުގައި ނެތިދާނީހޭ؟ ފަހެ ދެން އަހަރެންނެއް ނުވިހާނެހޭ؟

ފަން ފެންތަށްޓަށް ނުހަލާ މިވަރޭ (މީ ފަންފެން ތަށްޓަށް ނުހަލާވަރޭ)

ކަން މިޔަ ނުއެނގޭ މޮޔަކަތުޑޭ (މިޔަ – ކަން، ނުއެނގޭ މޮޔަކަތުނޭ)

ތައްމާ ގިނަ ކަށި ރަތް ހޯދައިގެން (ގިނަރަތް ކަށިމާތައް ހޯދައިގެން)

ފަންޑިތަ ދަނޑުމަތިބެ ހަދާށޭ (ދަނޑުމަތިބެ ފަންޑިތަ ހަދާށޭ)

ބަލިމީހުންގެ ބައްޔަށް ޝިފާހޯދުމަށް ފަންވަތްލިޔެ ބަލިމީހާގެ އަތުގައި ނުވަތަ ފައިގައި ނޫންނަމަ ކަރުގައި އަދި ބައެއްފަހަރު އުނަގަނޑުގައިނަމަވެސް އަޅައި، ކިޔަވާފުމެ މަތުރާފައި ފެންބޯންދީ ގައިގާ އުނގުޅާހެދުމަކީ ދިވެހިން ހަދާއުޅުނު ފަންޑިތަ ތަކެވެ. ފަރިހީގެ މިކަޑީގައި މިބުނަނީ ކަންކަމުގެ މިޔަނުފިލާ (އެކޮޅުމިކޮޅުނޭނގޭ) މިތިބަ މޮޔައިންނޭވެ! މިހާރު އަހަރެން މިއޮތީ ތިޔަގޮތަށް މީހަކު ލިޔެލާފައި އަޅާ ފަންވަތަކަށް ނުވަތަ ކިޔަވާފައިދޭ ފެންތަށްޓަކަށް ހަލާ (ރަނގަޅުވާ) ވަރެއްގައެއްނޫނެވެ. އެހެންވީމާ، ރަތްކަށިމާ ބަހައްޓައިގެން ދަނޑުމަތިބޭ ހަދާ ފަންޑިތަ ހަދައިދޭށެވެ.

ދަނޑުމަތިބެއަކީ އެދުވަސްވަރު ކުޅުދުއްފުށީގައި އުޅުނު އެންމެބޮޑު ފަންޑިތަވެރިޔާއެވެ. މީނާއުޅެނީ ކާޑުގޭ ބަނޑޭރިއަކަށެވެ.

ރަތްކަށިމާ ބަހައްޓައިގެން ދަނޑުމަތިބޭ ކިޔަވާކިޔެވެއްޔަކީ މިބާވަތުގެ ގިލަންވެރިކަމަށް ވަރަށްއިތުބާރު ފަންޑިތައެކެވެ. އެހެންކަމުން ބަލިމީހާ މިއެދެނީ އެފަންޑިތަ އޭނާއަށް ހަދައިދިނުމަށެވެ.

ދަނޑުމަތިބެއަކީ މިފަރިއްސާބެހޭގޮތުން އަޅުގަނޑަށް (ލިޔުންތެރިޔާ އަށް) މައުލޫމާތުދެއްވި ކުޅުދުއްފުށީ ދަނޑުމަތިކަނބުލޮގެ އެއްބަނޑުއެއްބަފާ ބޭބެވެސްމެއެވެ.

ރެން އަފު ނަފުރާ ބޭނުން ނަމައީ (އަހުރެން ފުރާނަ ބޭނުން ނަމައީ)

ފެންނަން އަހުރެން އޮތް ހިނދުގާ (އަހުރެން ފެންނަން އޮތް ހިނދުގާ)

ލެއްމާ ކަށިލައި ޢުމަރު ކަތީބާ (ޢުމަރު ކަތީބާ! ކަށިމަލެއްލައި)

ފެންތަށްޓެއް ބޮޑު ކިޔަވާށޭ (ބޮޑު ފެންތަށްޓެއް ކިޔަވާށޭ)

އަހަރެން އަދި މަރެއް ނުވެއެވެ. މިއޮތީ ފެންނާށެވެ. އެހެންވީމާ އަހަރެންގެ ފުރާނަ ބޭނުމިއްޔާ، އަހަރެން ފެންނަންއޮތްހާ ހިނދަކު އަހަންނާމެދު ފަރުވާކުޑަކޮށް ނުލާހެވެ! އޭ ޢުމަރު ކަތީބާއޭ! ކަށިމަލެއްލައިގެން ބޮޑުފެންތަށްޓެއް ކިޔަވައިދީބަލާށެވެ!

މަންމާ އަހަރެންވޭތޯ މިނަޖާ (މަންމާ އަހަރެން މި ނަޖާވޭތޯ)

ތަންމަތިމައްޗަށް ގެން މައުރާ (މަ ތަންމަތިމައްޗަށް އަރައިގެން)

ކަންފަތްކައިރީ އިނދެގެން އަހުރެން (އަހުރެންގެ ކަންފަތް ކައިރީ އިނދެގެން)

ލަންމާޖާފަނު ކިޔަވާށޭ (ލަންމާ ޖާފަނު ކިޔަވާށޭ!)

މަންމާއޭ! މިކަމުން އަހުރެން ނަޖާ (ސަލާމަތް) ވޭތޯ އަހަރެންގެ ތަންމަތި (އެނދު) މައްޗަށްއަރައި ކަންފަތްކައިރީއިނދެގެން އަހަންނަށް އިވޭފަށުގައި ލަންމާޖާފަނު ކިޔަވައިދީބަލާށެވެ! (ލަންމާޖާފަނަކީ ކިޔެވެއްޔެއްގެ ނަމެވެ.)

ބިސްމިން އިޤްރައު ހަތްދިހަފަހަރަށް (އިޤްރައު ބިސްމިން ހަތްދިހަފަހަރަށް)

ވިސްނުންތެރި ބާ މީދަ ކަތީ (މީދަ ވިސްނުންތެރި ކަތީބާ!)

ފިސްފިސްނުވަނީސް މިކަމުން އަހަރެން (މިކަމުން އަހަރެން ފިސްފިސްނުވަނީސް)

އިސްމުލް އަޢުޡަމް ކިޔަވާށޭ (އިސްމުލް އަޢުޡަމް ކިޔަވާށޭ!)

މީދަ ވިސްނުންތެރި ކަތީބާއެވެ! މިކަމުގެތެރޭގައި އަހަރެން ހަލާކުވެ ފިސްފިސްވެގެން ނުދަނީސް ; اقْرَأْ بِاسْمِ ހަތްދިހަފަހަރު ކިޔަވާފައި اسم اعظم ކިޔަވާބަލާށެވެ. މިކަޑީގައި މިއޮތް އިޤްރައުބިސްމި ދެމާނައެއްގައި ބޭނުންކުރެވިދާނެއެވެ. އެއްމާނައަކީ ހަތްދިހަފަހަރު اقْرَأْ بِاسْمِ (ނުވަތަ ސޫރަތުލްޢަލަޤް) ކިޔެވުމެވެ. އަނެއް މާނައަކީ ޢަރަބިބަހުގައި އިޤުރައުގެ މާނައަކީ ކިޔަވާށޭ! އެވެ. އެހެންކަމުން މިތާ މިބުނަނީ ހަތްދިހަފަހަރު ބިސްމިކިޔަވާށޭ! އެވެ. މިގޮތަށް މާނަކުރުމެވެ. ކޮންމެގޮތަކަށް މާނަކުރިއަސް މިކަމުގައި އުނިކަމެއް ނެތެވެ. މާނަ ފުރިހަމަވެއެވެ.

ފުޅަކަށް ދަރިއެދި ހުރިނަމަ ތިޔައީ (ތިޔަދަރިފުޅަކަށް އެދިހުރި ނަމައީ)

ހުޅަނގަށް ތިޔައިން ބާއެކަތީ (އެ ހުޅަނގަށް ތިޔައިން ކަތީބާ!)

މުޅަޔަށް ނުވަނީސް މިކަމުން އަހަރެން (މިކަމުން އަހަރެން މުޅަޔަށް ނުވަނީސް)

އުޅަލެއް ރަން އަތު މަ އަޅާށޭ! (މައަތު ރަންއުޅޭލެއް އަޅާށޭ!)

ތިޔަ (ތިބާ) ދަރިފުޅަކަށް އެދިހުރިއްޔާ (ދަރިފުޅަކަށް ބޭނުންކަމަށްވަންޏާ) އޭ! ހުޅަނގަށް ތިޔައިން ކަތީބާ އެވެ! މިކަމުގެތެރޭގައި އަހަރެން މުޅަޔަށް ނުވަނީސް (މަރުވެގެން ނުދަނީސް އަހަރެން އަތުގައި ރަންއުޅަލެއް އަޅައިދޭށެވެ!) ބަލިވެއުޅޭމީހުން މާބޮޑަށް ހާލުދެރަވީމާ، އައުލިބާސްލެއްވުމާ ކަރުގައި ރަންފަށް އެޅުވުމާ، އަތުގައި ރަންއުޅާއެޅުވުމަކީ އެއްދުވަސްވަރެއްގައި ދިވެހީންކޮށްއުޅުނު ކަމެއްކަމަށް ބުނެއެވެ. އަދި އެކަމުން ބައްޔަށް ޝިފާލިބޭކަމަށް ހީކުރެއެވެ.

ވަދެގެން ފޮތިގަނޑު އެތެރަށް މިތަނަށް (މިތަނަށް ފޮތިގަނޑު އެތެރަށް ވަދެގެން)

ލަދެކޭ ނުހިތާ ހުތުރު މިވާ (މިވާ ހުތުރު ލަދެކޭ ނުހިތާ)

ތަދެކޭ މިވަނީ މީނދަ ކަތީބާ! (މީނދަ ކަތީބާ! މިވަނީ ތަދެކޭ)

މަދެކެން މިތަނަށް ވަންނާށޭ! (މަދެކެން މިތަނަށް ވަންނާށޭ!)

އިހު ދިވެހި ދިރިއުޅުމުގައި މާބަނޑުމީހުން ވިހަންއޮންނަނީ ގޭގެ އުތުރުއެނދުގައެވެ. އެނދުގެ ނިވަލަކަށް ދަމާލާފައި ހުންނަނީ ފޮތިގަނޑެކެވެ. މިފޮތިގަނޑުގެ އެތެރެއަށް ޢާންމުގޮތެއްގައި ވަންނަނީ އަންހެނުންނެވެ. ފިރިހެނަކު ވަންނާނީ ވަރަށްޚާއްޞަ ޙާލަތެއް މެދުވެރިވެގެންނެވެ. މިކަޑީގައި މިބުނަނީ، އޭ މީނދަ ކަތީބާއެވެ! އަހަންނަށް ހާދަވަރަކަށް އެބަ ތަދުވެއެވެ. ވޭންއަޅައެވެ. ވީމާ، މާބޮޑު ހުތުރުކަމެއްކަމަށް ނުބަލައި ލަދުވެރިކަން ދޫކޮށްލާފައި އަހަރެން ދެކިލަން މިތާ ފޮތިގަނޑުގެ އެތެރެއަށް ވަދެލަބަލާށެވެ!

ނޫހޭ ނަފުރާ އަހުރެން މިއެދޭ (އަހަރެން މިފުރާނަ އެދޭނޫހޭ؟)

ނޫހޭ ބަލަބާ މީދަކަތީ (ނޫހޭ ބަލަ މީދަ ކަތީބާ!)

ނޫރަން އެގުލޭ މާ ހޯދައިގެން (އެ ގުލޭނޫރަންމާ ހޯދައިގެން)

ނޫރާނީ ހިރުޒު ކިޔަވާށޭ! (ނޫރާނީ ހިރުޒު ކިޔަވާށޭ!)

ދޭ ބަލަ މީނދަކަތީބާއެވެ! އަހަރެންގެ ފުރާނަ އެދެމުހޭ ނުވަތަ ނޫންހޭ؟ އެދޭކަމަށްވާނަމަ އެބުނާ ގުލޭނޫރަންމާ ހޯދައިގެން ނޫރާނީ ހިރުޒު ކިޔަވާބަލާށެވެ!

އިހުގެ ފަންޑިތަވެރިން ދުޢާވެރިކަމުގެ ގޮތުން ކިޔަވާ ހިރުޒުތަކެއް ގެންގުޅެއެވެ. އަދި ހިރުޒުތަކަށް ނަންތަކެއްވެސް ކިޔާފައި ހުރެއެވެ. މިސާލަކަށް: ކުޑަހިރުޒު، މަސްގޮވިހިރުޒު ފަދަ ނަންނަމެވެ. މިޅެމުގައި ކިޔަވަން މިބުނާ ނޫރާނީ ހިރުޒަކީވެސް މިފަދަ ހިރުޒެކެވެ.

ޙައިރާން ވެވިފާ ނުތިބެ މިތާނގާ (މިތާނގައި ހައިރާންވެވިފާ ނުތިބެ)

ހާތިބި މިކަތުން ފޫ އެގަޅާ (މިތިބަހާ އެ، ކަތުން ފޫގަޅާ)

ހާޒާރުގެ ގުލްމާ ހޯދިއްޔާ (ގުލްހަޒާރުގެ މާ ހޯދިއްޔާ)

ވާނޭ މިކަމަށް އެބަފެނެޔޭ (މިކަމަށް ވާނޭ އެބަފެނެޔޭ)

އޭ މިތިބަހާ ކަތުން (މީހުން) ނޭވެ! މިތަނުގައި ތިޔަހެން ހައިރާންވެފައި ނުތިބެ އެންމެން ފޫގަޅާލައިގެން ގުލްހަޒާރުމާ ހޯދައިގެން ގެނެސްބަލާށެވެ! އެއީ މިކަމަށް ވަރަށްރަނގަޅު އެއްޗެއްކަމަށް ވެއެވެ. އެ މާގެނެސްފިނަމަ މިކަން ރަނގަޅުވެދާނެކަމަށް ފެނެއެވެ.

މަރިޔާދުމަތީ މީނދަ ކަތީބާ (މަރިޔާދުމަތީ މީނދަ ކަތީބާ!)

މަރިޝާ ދުމުރާ ގެން މިހިފާ (މަރިޝާ މުރާދު ހިފައިގެން)

މަރިޔަމް މާ ފެންތަށްޓަށް ލައިގެން (ފެންތަށްޓަށް މަރިޔަމް މާލައިގެން)

މަރިޔަމު ސޫރަތް ކިޔަވާށޭ! (މަރިޔަމް ސޫރަތް ކިޔަވާށޭ!)

ކަންބޮޑުވުމެއްނެތި ހިތްހަމަޖައްސާލައިގެން މީނދަ ކަތީބާއޭ! މިކަމަށްކަމެކޭ ހީކޮށް މުރާދުހިފައިގެން (ހިތްނިޔަތް ޚާލިސްކޮށް އުއްމީދަކާއެކު) ފެންތަށްޓަކަށް މަރިޔަމްމަލެއް ލައިގެން މަރިޔަމް ސޫރަތް ކިޔަވާބަލާށެވެ!

މިކަޑީގައި މިއޮތް [މަރީޝާ] ގެ މާނަ އެނގޭގޮތެއް ނުވިއެވެ. ދިވެހިބަހުގެ އުސްތާޒަކަށް ދަންނަވާލުމުން ވިދާޅުވީ އޭނާއަށްވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ. ކުޅުދުއްފުށީގެ ހަރުއުމުރުގެ ބޭފުޅުންގެތެރެއިން މިބާވަތުގެ ކަންކަން އެނގިވަޑައިގެން ފާނެކަމަށް ހީވާ ބައެއްބޭފުޅުންނަށް ދަންނަވާލައިގެންވެސް މިއޮންނަ ”މަރިޝާ“ ގެ މާނަ އޮޅުންފިލާގޮތެއް ނުވިއެވެ.

މަރިޔަމް މަލަކީ ޢަރަބިކަރައިން ގެންނަ އެއްޗެއްކަމަށް ބުނެއެވެ. މިމަލާ ބެހޭގޮތުން އެޒަމާނުގެ މީހުން ހީކުރަނީ މިއީ މަރިޔަމްގެފާނުގެ މަހާނަފުޅުމަތިން (ގަހެއްނެތި) ނިކުންނަ މަލެއްކަމަށެވެ. މިމައު ހުންނަނީ ބޯގަހުގެ ހިކިމާގަނޑެއްހެންނެވެ. މިގޮތަށް ހިކިފައިހުންނަ އެއްޗެތި ފެނަށްލީމާ ފޯވާގޮތަށް މަރިޔަމްމާވެސް ފެންތަށްޓަކަށްލީ ފޯވެއެވެ. މިކަންކޮށްއުޅުނު މީހުން ބުނަނީ (އެގޮތަށް މާފޯވީމާ) މާފޮޅުނީކަމަށެވެ. މާފޮޅިއްޖެނަމަ އޭގެމާނައަކީ، މާބަނޑުމީހާ ވިހާނެއޭއެވެ. އެހެންވީމާ ފެންތަށްޓަކަށް މަރިޔަމްމަލެއް ލައިގެން ސޫރަތުލް މަރްޔަމް ކިޔަވާއުޅެއެވެ. ޝާޢިރު ވިދާޅުވަނީ މި ޙާލާ (މާބަނޑުމީހާ) ވެސް އެކަމަށް އެދިގޮވަނީ ކަމަށެވެ.

ޙުރުމަތްތެރިވީ މީނދަ ކަތީބާ! (މީނދަ ޙުރުމަތްތެރިވި ކަތީބާ!)

ދުރުނުވެ އަހުރެން ކައިރީގާ (ދުރުނުވެ އަހުރެން ކައިރީގައި)

ޤުރުއާނުތެރޭން ވަކިކޮށް މިނާގާ (ވަކިކޮށް ޤުރުއާން ތެރޭން މިނަގާ)

ސުރުޖީ ފައިދާ ކިޔަވާށޭ! (ސުރުޖީ ފައިދާ ކިޔަވާށޭ!)

މީދަ ޙުރުމަތްތެރި (އިޙްތިރާމްލިބިގެންވާ) ކަތީބާއެވެ! އަހަރެންނާ ދުރަށްނުގޮސް ކައިރީގައި (ގާތުގައި) އިނދެގެން ޤުރްއާނުގެތެރެއިން ހޮވާލައިގެން ނަގާފައިވާ ފައިދާހުރި އާޔަތްތަކެއްކަމަށްވާ ސުރުޖީ ކިޔަވާ ބަލާށެވެ! ޚާއްޞަކޮށް އެކިކަންކަމަށް ހޮވާލައިގެން ޤުރްއާން ކަރީމުގެތެރެއިން ނަގާ ވަކިއާޔަތްތަކަށް އެކިނަންނަން ކިޔައެވެ.

މިސާލަކަށް: އަލިހަވާސާ، ޤަހުރުލްއަޢުދާއު ފަދަ ނަންނަމެވެ. ސުރުޖީއަކީވެސް ހޮވާލެވިފައިވާ ޤުރްއާނުގެ އާޔަތްތަކެކެވެ.

ޖިންނީން އަތުގައި ކަމުގައި އެވިޔަސް (އެވީ ޖިންނީން އަތުގައި ކަމަށްވިޔަސް)

ހިތްވަރު ހުރި މީނދަ ކަތީ (މީނދަ ހިތްވަރުހުރި ކަތީބާ!)

ކިންކިރި ބޯޅަ އެމާ ހޯދައިގެން (ބޯޅަކިންކިރިމާ ހޯދައިގެން)

ސިއްރު ޖަބާނުޒަ ކިޔަވާށޭ! (ސިއްރު ޖަބާނުޒަ ކިޔަވާށޭ!)

އޭ މީދަ ހިތްވަރުގަދަކަތީބާއެވެ! އެބުނާ ޅަކިންކިރިމާވީ ޖިންނީންގެ އަތުގާކަމަށްވިއަސް ވީތަނަކުން އެމައު ހޯދައިގެން ގެނެސް (ކުރިމަތީގައި ބާއްވައިގެން) ސިއްރު ޖަބާނުޒަ ކިޔަވާބަލާށެވެ. (ސިއްރުޖަބާނުޒައަކީ، ކިޔެވެއްޔެއް ނުވަތަ ދުޢާއެއްގެ ނަމެކެވެ.)

ވާކިޔަ މިގެއެއް ފުއްޓަރުގަ އަޅާ (ފުއްޓަރުގައި ކިޔަވާގެއެއް އަޅައި)

ސާޅީސް ހަވެލާ ބަނދެ ލަމުފާ (ފާލަމު ސާޅީސް ހަވެލާ ބަނދެ)

މާ ހަތްވަހަރާ ކަސްތޫރި ދުމާ (ހަތްމާވަހަރާ ކަސްތޫރި ދުމާ)

ޔާކިޔަ ޝާޒުލް ބަޙުރު ނަގާ (އެކިޔާ ޝާޒުލް ބަހުރު ނަގާ)

ފުއްޓަރު (ރަށުގެ ތޮށްޓާ މަސްކަނޑާގުޅޭ) ފަރާތުގައި ކިޔަވާގެއެއް އަޅައި ކަނޑަށް ފާލަންއަޅައި ފާލަމުކޮޅުގައި ސާޅީސްހަވެލާ ބަނދެ ހަތް މާވަހަރާ ކަސްތޫރިން ދުންއަޅައިގެން އެބުނާ މަޝްހޫރު ޝާޒުލް ބަހުރު ކިޔަވާބަލާށެވެ. ފުއްޓަރުގައި ކިޔަވާގެ އަޅައި ކަނޑަށް ފާލަންއަޅައިގެން ކިޔަވާ ކިޔެވެއްޔަށް ކިޔާއުޅެނީ ބަހުރަށް ކިޔެވުމެވެ. މިއީ އާދައިގެ ކިޔެވެއްޔެއްނޫނެވެ. ކިޔެވެލި ކޮޅަށްދިއުމުން ކަނޑަށް ލޭދައްކަން ޖެހެއެވެ. ބަހުރަށް ކިޔަވާއިރު ވެލާހޯދަނީ މިކަމަށްޓަކައެވެ. ވެލާކަތިލައިގެން ކަނޑަށް ލޭދެއްކުމަށްޓަކައެވެ. ވެލައަކީ، ވަރަށް ލޭގިނައެއްޗެކެވެ. ކިޔަވާ ބަޙުރުގެތެރޭގައި އެކިނަންނަންކިޔާ ބަޙުރު ހުރެއެވެ. މީގެތެރެއިން އެންމެ މުޖައްރިބު ބަޙުރަކީ ޝާޒުލީ ބަޙުރުކަމަށް އޮންނަނީ މަޝްހޫރުވެފައެވެ. ޝާޒުލީއަކީ މި ބަޙުރު (ކިޔެވެލި) އެފަރާތަކަށް ނިސްބަތްވާ މިކިޔެވެލީގެ އިސް އިމާމުގެ ނަމެވެ. މަޝްހޫރު ބުރުނީ ރައިވަރުގައިވެސް [ޢަލިފުޅު ކިޔަވާ ނަގަޔޮލަ ޝާޒުލީ ބަޙުރު] މިހެން އޮވެއެވެ. ޢަލިފުޅު ބަޙުރަށް ކިޔަވާފައި ލޭދައްކަންވީ ވަގުތު ސާޅީސް ވެލައާ ސާޅީސް ރަތްހާލާ އަދިވެސް އެތައްއެއްޗެއް ކަތިލިއެވެ. ނަމަވެސް އެންމެ ލޭތިއްކެއްވެސް ނުދެއްކުނެވެ. ކަތިލި ހުރިހާއެއްޗެއްގެ ލޭވަނީ ކިޔެވެލީގެބާރުން ހިކިފައެވެ. އެންމެފަހުން ކަނޑަށް ލޭދެއްކިކަމަށްވަނީ ޢަލިފުޅުގެ ކޮށާވަޅި ނަގައި އަމިއްލައިނގިލިން ތަންކޮޅެއް ކަނޑާލައިގެންނެވެ.

ބަދުނާމެއް ނެތި މީދަކަތީބާ! (ބަދުނާމެއްނެތި މީދަ ކަތީބާ)

ލަދުރަކިވެވިފާ ނުއިނދެ މިތާ (މިތާ ލަދުރަކިވެފާ ނުއިނދެ)

ސަނދުބަރަކާ މާފެންތަށްޓަށްލައި (ފެންތަށްޓަށް ސަނދުބަރަކާމާ ލައި)

ބަދުޝޭ މިދުޢާ ކިޔަވާށޭ! (ބަދުޝޭ މިދުއާ ކިޔަވާށޭ!)

މިހާތަނަށް ނަމަށް ހުތުރެއް އަރާފައިނުވާ ބަދުނާމެއްނެތް މީދަ ކަތީބާއެވެ! މާބޮޑަށް ލަދުރަކިވެފާ ތިޔަހެން މަޑުމަޑުން ނީންނާށެވެ. ފެންތަށްޓަކަށް ސަނދުބަރަކާ މަލެއްލައިގެން އެބުނާ ބަދުޝޭދުޢާ ކިޔާށެވެ. ދުޢާކޮށްދޭށެވެ. ބަދުޝޭ ދުޢާއަކީވެސް ފަންޑިތައިގެތެރޭ ކޮށްއުޅޭ ދުއާއެއްގެ ނަމެވެ.

ސަހަރޯ ވަޅުލަން ތައްޔާރުކުރަން (ސަހަރޯ! ވަޅުލަން ތައްޔާރުކުރަން)

ދަހަރޯ ދައިތާ މަންމަބަލައި (ދައިތާ މަންމަ ބަލައި ދަހަރޯ)

ފަހުނޭވާ ހޮޅިއަށް އެޅިމިދަނީ (ފަހުނޭވާ މިދަނީ ހޮޅިއަށްއެޅި)

އަހުރެންވާ ކުދިކުދި ވެއްޖޭ (އަހުރެން ވާ ކުދިކުދި ވެއްޖޭ)

އޭ ސަހަރޯއެވެ! މިހާރު މިދަނީ އެންމެފަހުނޭވާ ހޮޅިއަށް އެޅެމުންނެވެ. މިކަން ދެން މިނިމުނީއެވެ. މިފުރާނަ ދުނިޔެއާ ވަކިވަނީއެވެ. ވަޅުލުމާބެހޭ ކަންތައްތައް ތައްޔާރުކުރަން މަންމަބަލައި ދައިތަ ދާށެވެ! މިކަމުގައި އަހަރެން ވާ މުޅިން ހަލާކުވެ ކުދިކުދިވެއްޖެއެވެ. ފަރިހީގެމައިގަނޑުގައި ހޭވެރިކަމާބެހޭގޮތުން ”ވާ“ ގެނެވިފައިވާގޮތަށް މިކަޑީގައި ”ވާ“ ގެނެވިފައި މިއޮތީ ސީދާ އޭނާގެ ނަފުސަށް ނިސްބަތްކޮށެވެ.

ޝާއިރު: ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (މަޝްހޫރު ލަނގޮޑި މާލިމީ)

“Lagondi Maalimee” from Kulhudhufushi: Poet of “Heyvaa Heyvaa”

ތިލަދުން | Thiladhunދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފިހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ މިއަދު 11:30 ހާއިރު ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙ...