މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި މިދިޔަ އޭޕްރީލް މަހު ރައުދު ހައްޔަރު ކުރުމަށްފަހު އޭނާ ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

Ad
rt

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކޮށް ފުލުހުން، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ. ނަމަވެސް އެ ދައުވާތަކެއް އޭނާގެ މައްޗަށް ކޮށްފައެއް ނުވެ އެވެ.

ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ މަހުގެ 22 ގައި އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހިޔަސް އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލީ އެވެ.