ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސަޢޫދީ ޢަރަބިއްޔާއިން ފޯރުކޮށްދެއްވާ މި ޚިދުމަތްތަކަކީ "ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއް" ކަމަށާއި "ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއް" ކަމުގައި ސިފަކުރައްވާފައިވެއެވެ.

Ad
rt

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާފައެވެ. އަދި މި އިޙްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައިވެއެވެ. އަދި ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ބައިވެރިކުރެއްވުމާ ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. މީގެ އިތުރުން، ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައިވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިކޮށްދެއްވާފައެވެ.