ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ތުހުމަތުގައި 4 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރި ތަޙުޤީޤުން ހޯދާފައިވާ ހެކިތަކުން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގައި ދަޢުވާކުރަން އެދިފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި އަކްރަމް ކަމާލުއްދީންއާއި، އެ މިނިސްޓްރީގެ ދެ ސީނިއަރ އެގްޒެކެޓިވުންކަމަށްވާ މުޙައްމަދު ޢާރިފްއާއި ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

އެ 4 ފަރާތުގެ މައްޗަށް ދަޢުވާކުރަން އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން އޭސީސީން ބުނެފައިވަނީ މި ކުށް ފިޔަވައި އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެ ކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއައްސަސާތައް ކުރަމުންދާކަމަށް ހާމަކޮށްފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ސަރުކާރުން ތަޢާރަފުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގައި ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.