މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ވަޑައިގެންނެވި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ޚާއްޞަ މަރުޙަބާއެއް ދެންނެވުނު ފުރަތަމަ ފަހަރެވެ.
ޖިއްދާ އެއާޕޯޓުގައި ބޭއްވުނު ޚާއްޞަ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ މެންބަރުން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން އަދި ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.
މިއަހަރުގެ އައު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިންނަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ. އެގޮތުން، ރާއްޖެއިން ފުރުއްވުމުގެ ކުރިން ސަޢުދީ އިމިގްރޭޝަންގެ އެންމެހައި ކަންކަން ނިންމާލެވި، ޖިއްދާ އެއާޕޯޓަށް ޖެއްސެވުމަށްފަހު ސީދާ ހޮޓަލަށް ވަޑައިގަތުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަގުދެއްކެވުމުގެ ދަށުން، މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އެތައް ރަނގަޅު ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވިގެންދާނެ އަހަރެއްކަމުގައި ފާހަގަކުރެވެއެވެ.
މި އައު އިންތިޒާމުގެ ސަބަބުން ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ވަގުތު ސަލާމަތްވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މިއީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމުގައި ވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!