ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. މަޑުއްވަރީގައި މިއަދު އައު އޭޓީއެމްއެއް ޤާއިމްކޮށްފިއެވެ.

މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ.

Ad
rt

މި އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ޚިދުމަތް ޤާއިމްކުރެވުމާއެކު މަޑުއްވަރީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ލިބިގެންދިޔަ ކުރިއެރުމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި، އެ ޚިދުމަތް ފޯރުކޮށްދިނުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ 7 ނޮވެމްބަރު 2024 ގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅު، ނ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.