ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން ތަހުގީގު ކޮމެޓީން ނިންމި ނިންމުން ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މި ދެ ފަނޑިޔާރުން ވަކިކުރަން މިއަދު ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެޓީގެ މި ނިންމުގެ ރިޕޯޓު މެމްބަރުންނަށް ފޮނުވުމަށްފަހު، މި މައްސަލަ މަޖިލީހުގެ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނައި، މި ރިޕޯޓަށް ބަހުސްކުރަން ހުޅުވާލާނެއެވެ. އަދި އެއަށްފަހު ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމަން ތަޅުމުގައި ވޯޓު ނަގާނެއެވެ. ނަމަވެސް އެ ބޭފުޅުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި ވެބްސައިޓަށް އަޕްލޯޑްކޮށްފައިނުވާތީ މި މައްސަލަ އެޖެންޑާގައި އޮތްކަމެއް އަދި ނޭނގެއެވެ. ނަމަވެސް މި ހަފްތާގެ ނިޔަލަށް މަޖިލިސް ޗުއްޓީއަށްދާން ނިންމާފައިވާތީ، މި މައްސަލަ މާދަމާ ނުވަތަ މި ހަފްތާގައި އެޖެންޑާކޮށް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.
އެ ދެ ފަނޑިޔާރުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
އެ ބޭފުޅުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑްކުރި އެވެ. ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ މައްސަލާގައި އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!