އޮސްޓްރޭލިއާގެ ޕާރތުން ލަންޑަނަށް ދަތުރުކުރަމުންދިޔަ ޤަންޓާސް އެއަރލައިންގެ ފްލައިޓެއް މެޑިކަލް އިމަޖެންސީއަކާ ގުޅިގެން ރާއްޖެއަށް ޑައިވާޓްކޮށްފިއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ ރޭ ޕާރތުން ފުރި ކިއުއެފް 9 ފްލައިޓުގައެވެ.

ޤަންޓާސްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓް ވަނީ ފުރިތާ 8 ގަޑިއިރު ފަހުން މާލެއަށް ޑައިވާޓްކޮށްފައެވެ. ނަމަވެސް މެޑިކަލް އިމަޖެންސީގެ ތަފްސީލާއި، އެހީތެރިކަން ބޭނުންވި ފަރާތުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

މި ފްލައިޓުގައި 236 ފަސިންޖަރުންނާއި ފުލް ކްރޫ ދަތުރުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ފްލައިޓުގައި އެވަގުތު ތިބީ ކިތައް މީހުންކަން އަދި ސާފުވެފައެއް ނުވެއެވެ. މިހާރު ރާއްޖޭގައި ތިބި އެ ފަސިންޖަރުން ދަނީ އައު ފްލައިޓަކަށް އިންތިޒާރު ކުރަމުންނެވެ. ޤަންޓާސްއިން ވަނީ ލަންޑަނުން ސްޓާފުން ރާއްޖެއަށް ފޮނުވައި، ފަސިންޖަރުންނަށް އެހީތެރިވުމަށް މަސައްކަތް ފަށާފައެވެ.

ޤަންޓާސްގެ ތަރުޖަމާނެއް ނޫސްވެރިންނަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، ޕާރތު-ލަންޑަން ފްލައިޓް ވަނީ ފްލައިޓުގައި ދިމާވި މެޑިކަލް ހާދިސާއަކާ ގުޅިގެން މާލެއަށް ޑައިވާޓްކޮށްފައިކަމަށާއި، ފަސިންޖަރުންނަށް މާލެއިން ފުރުމަށް އެހެން ފްލައިޓްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ކިއުއެފް 9 ފްލައިޓަކީ 18 ގަޑިއިރާ ގާތްކުރާ ވަގުތެއްގައި ހުއްޓުމެއްނެތި ޔޫކޭއާއި ޕާރތު ދެމެދު ދަތުރުކުރާ މަދު ފްލައިޓްތަކުގެ ތެރެއިން އެއް ފްލައިޓެވެ. މި ދަތުރުގައި 14,500 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަޑައްތު ކުރެއެވެ.