އޯޕަން އޭއައި ކުންފުނިން ޖީޕީޓީ-4އޯ އަޕްޑޭޓްކުރުމުން ނުރަނގަޅު ނަތީޖާއަކާ ކުރިމަތިވެއްޖެއެވެ.
އޯޕަން އޭއައި ކުންފުނިން ވޭތުވެދިޔަ ހޮނިހިރު ދުވަހު ޖީޕީޓީ-4އޯ މޮޑެލް އަޕްޑޭޓް ކުރިއެވެ. މި އަޕްޑޭޓްގެ ބޭނުމަކީ ޗެޓްޖީޕީޓީގެ ހިލޭ ވަރޝަން ބޭނުންކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އޭގެ ބުއްދި އަދި ޝަޚްޞިއްޔަތު ފުރިހަމަކުރުމަށެވެ. ނަމަވެސް، އާދީއްތަ ދުވަހު ކުންފުނިން ހާމަކުރި ގޮތުގައި މި އަޕްޑޭޓަކީ އުންމީދުކުރިވަރަށް ކާމިޔާބު ނުވި އަޕްޑޭޓެކެވެ.
އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވާ ވިދާޅުވެފައިވަނީ އައު އަޕްޑޭޓާއެކު ޖީޕީޓީ-4އޯ މޮޑެލްގެ ޖަވާބުތައް ބޭނުންކުރާ ފަރާތްތަކުގެ ކޮންމެ ރިކުއެސްޓަކަށް ވަރަށް ބޮޑަށް އެއްބަސްވާ އަދި ކޮށިކޮށް ތާއީދުކުރާ އުސްލޫބަކަށް ބަދަލުވެފައިވާ ކަމަށެވެ. "ފަހުން ގެނެވުނު ޖީޕީޓީ-4އޯ އަޕްޑޭޓްތަކުން މޮޑެލްގެ ޝަޚްޞިއްޔަތު ވަރަށް ބޮޑަށް ތާއީދުކުރާ އަދި އުނދަގޫވާ ފެންވަރަށް ބަދަލުވެފައިވޭ" ކަމަށް އޯލްޓްމަން ވިދާޅުވިއެވެ.
ކުންފުނިން މިހާރު ވަނީ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ. ސެމް އޯލްޓްމަންގެ ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުން، ބައެއް މައްސަލަތައް ދުވަހެއްގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ލަފާކުރާއިރު، އަނެއްބައި މައްސަލަތައް ހައްލުކުރުމަށް މުޅި ހަފްތާއެއް ހޭދަވެދާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ އައު ޖީޕީޓީ-4އޯ މޮޑެލްގެ ބައެއް ކަންތައްތައް "ވަރަށް ރަނގަޅު" ކަމަށެވެ.
އަޕްޑޭޓެއް ގެނައުމަކީ އާންމުކޮށް ޓެކްނޮލޮޖީ ކުންފުނިތަކުން ކުރާ ކަމެކެވެ. އާދަވެގެން މިފަދަ އަޕްޑޭޓްތަކަށް ހިމެނެނީ މަޢުލޫމާތުތައް އަދާހަމަކުރުމާއި އެލްގޮރިދަމްތަކަށް ބަދަލުގެނައުމެވެ. މީގެ ކުރިން ވެސް ޖީޕީޓީ-4އޯ މޮޑެލްގެ ޖަވާބުތައް އިތުރަށް ޠަބީޢީކުރުމަށް އަޕްޑޭޓެއް ގެނެސްފައިވެއެވެ. އަދި މިފަހަކަށްއައިސް ގޫގުލްއިން ވެސް ޖެމިނައި 2.0 ފްލޭޝް އަޕްޑޭޓްކޮށް އޭގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް މިވަގުތު ކުރީގެ މޮޑެލަށް އެނބުރި ދިއުމުގެ އިޚްތިޔާރެއް ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!