ހުޅުމާލެ ފޭސް 2 ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ ނޭކުރެންދޫ / ސާޒް އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ އުމުރުން 36 އަހަރުގެ މުޙައްމަދު ޒައީންއެވެ.
ފުލުހުން ބުނީ،، މިމަހު 19 ވަނަ ދުވަހު މި އޮޕަރެޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެނސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރާއި ދެ ސައިކަލު ބަލައިފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޮތުން ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!