މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވާ އާދިއްތަ ދުވަހު ހުޅުވާލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން މި ފުރުޞަތު ހުޅުވާލަނީ މޭ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ ޤައުމީ އިނާމަށް ހުޅުވާލެވިފައިވަނީ 39 ދާއިރާއަކުންނެވެ. އިނާމަށް އެދި ހުށަހަޅާ ފޯމު ފޮނުވަންޖެހެނީ ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ކޮމިޓީން ވަނީ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް އަމިއްލަ ފަރާތްތަކަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށްވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވެއެވެ.
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިދިޔަ އަހަރު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް ދެއްވި އެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!