ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އެސްޓަންވިލާ އަތުން ޕީއެސްޖީ، އަދި ބްރޫޝިއާ ޑޯޓްމަންޑް އަތުން ބާސެލޯނާ ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ބާސާއާއި ޕީއެސްޖީ ޖާގަ ކަށަވަރުކޮށްފިއެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ބާސާއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޑޯޓްމަންޑުންނެވެ. ނަމަވެސް ފުރަތަމަ ލެގުގައި ބާސާއިން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ޑޯޓްމަންޑް ބަލިކޮށްފައެވެ. ބާސާ ސެމީން ޖާގަ ކަށަވަރު ކޮށްފައި ވަނީ 5-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

Ad
rt

ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނީ ބާސާއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗު ފަށައިގެން ޑޯޓްމަންޑުން ޕްރިސިން ގޭމެއް ކުޅުމުގެ ނަތީޖާއަކަށްވީ ބާސާއަށް ގޭމް ކޮންޓްރޯލް ކުރަން އުނދަގޫވުމެވެ. ފުރަތަމަ ހާފުގައި ޑޯޓްމަންޑުން 10 ހަމަލާއެއް ބާސާގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއިރު ބާސާއަށް ޑޯޓްމަންޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ގިރަސީއެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ގިރަސީ ވަނީ އިތުރު ލަނޑެއްޖަހައި ޑޯޓްމަންޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޑޯޓްމަންޑްގެ ބެންސެބާނީއަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ފަރަގު ކުޑަވިއެވެ. ޑޯޓްމަންޑްގެ ތިންވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖަހައި ގިރަސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ފާއިތުވި ހަފްތާގައި އެސްޓަން ވިލާއާއި ޕީއެސްޖީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ވިލާއިން ވަނީ 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ޕީއެސްޖީއަށް ސެމީން ޖާގަ ލިބުނީ އެގްރިގޭޓް ނަތީޖާ 5-4 އިން ކުރި ލިބިގެންނެވެ.

ވިލާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ދެ ގޯލުގެ ލީޑެއް ނެގިއެވެ. މި ގޯލުތައް ޖަހައިދިނީ 11 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ، އަދި 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒްއެވެ. އޭގެ ހަތް މިނިޓު ފަހުން ވިލާ އަށް މެޗުގައި އުއްމީދެއް ހޯދައިދިނީ ޔޫރީ ޓީލެމަންސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އެސްޓަން ވިލާ އެއްވަރުކުރީ ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ކެޕްޓަން ޖޯން މެގިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ދެ މިނިޓު ތެރޭ އެޓީމު މެޗުން މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ޑިފެންޑަރު އާޒީ ކޮންސާއެވެ. އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރަން މެޗުގެ ފަހުބައިގައި ވިލާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ކުއާޓާގެ ދެވަނަ ލެގުގެ މިރޭ ބަޔާން މިއުނިކާއި އިންޓަ މިލާން ވާދަކުރާނެއެވެ. މި ދެ ޓީމް ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންޓަމިލާނެވެ. ދެވަނަ ލެގުގެ މެޗު އިންޓަ ދަނޑުގައި މިރޭ ކުޅޭއިރު މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ވާދަކުރަން ޖެހޭނީ ބާސެލޯނާއާއެވެ.

މިރޭ ކުއާޓާގެ ދެވަނަ ލެގުގައި އާސެނަލްއާއި ރެއާލް މެޑްރިޑް ވާދަކުރާނެއެވެ. މި ދެ ޓީމް އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އާސެނަލުންނެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ވާދަކުރާނީ ޕީއެސްޖީއާއެވެ.