ކުރިއަށް އޮތް 10 އަހަރު ތެރޭގައި 60 އަށް ވުރެ ގިނަ ސައިންޓިފިކް މިޝަންތައް ހަނދުގައި ކުރިއަށް ގެންދިއުމަށް ތުރުކީން ރާވައިފިއެވެ. މިއީ ހަނދުގެ ދިރާސާތަކުގައި އެ ގައުމުގެ ދައުރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.
ހަނދާބެހޭ ތުރުކީގެ ޕްރޮގްރާމުގައި ހިމެނެނީ ރޭޑިއޭޝަން މިނުމާއި، ހަނދުގެ ސަތަޙަ ފޮޓޯނެގުމާއި، އަދި ހަނދުގައި ފެން އުފެދިފައިވާ ގޮތް ދެނެގަތުމަށް ބޭނުންވާ ހައިޓެކް އުފެއްދުންތައް ތަރައްގީކުރުމެވެ.
އަނަޑޯލު ނިއުސްއިން އެއްކޮށްފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި 2040 ވަނަ އަހަރާ ހަމައަށް ބިމާއި ހަނދުގެ އިގްތިސާދުގެ ޖުމްލަ އަގު 150 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި އިގްތިސާދަކީ ހަނދުގެ ދިރާސާތަކުގައި އިސްދައުރެއް އަދާކުރާ ފަރާތްތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަރަމުންދާ އިގްތިސާދެކެވެ.
ނާސާގެ އިސްނެގުމުގެ ދަށުން ކުރިއަށްދާ ގޭޓްވޭ، އިންޓަނޭޝަނަލް ލޭޒަރ ރޭންޖިންގ ސަރވިސް، އަދި އާޓެމިސް ފަދަ ޕްރޮގްރާމްތަކުގެ މަގްސަދަކީ ހަނދުގައި ދާއިމީގޮތެއްގައި އިންސާނީ ދަރިފަސްކޮޅެއް ވަޒަންވެރި ކުރުމެވެ. މި ޕްރޮގްރާމްތަކުގެ އަމާޒަކީ ހަނދަކީ ތެޔޮ އެޅުމުގެ މަރުކަޒަކަށް ހެދުމާއި، ބޭރު ޖައްވުގެ ދަތުރުތަކަށް ބޭނުންވާ ވަސީލަތްތައް ހަނދުމަތިން ހޯދުމެވެ.
ތުރުކީގެ ނޭޝަނަލް ސްޕޭސް ޕްރޮގްރާމުގެ ދަށުން، 2028 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ފުރަތަމަ ހަނދުމަތީގެ މިޝަން ފޮނުވުމަށް ތައްޔާރުވަމުންދެއެވެ. މި މިޝަނުގައި ތުރުކީގައި އުފައްދާފައިވާ ސްޕޭސްކްރާފްޓެއް ބޭނުންކޮށްގެން ހަނދަށް ދަތުރުކުރުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!