އެމެރިކާ ސަރުކާރުގައި، މަހުޖަނު އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް ޓެސްލާ ޝޯރޫމްތަކުގެ ކުރިމަތީގައި މުޒާހަރާތަކެއް ކޮށްފިއެވެ.

އެމެރިކާ އަދި ޔޫރަޕްގެ ބައެއް ސަރަޙައްދުތަކުގައި ހުރި ޓެސްލާ ކާރު ވިއްކާ ފިހާރަތަކުގެ ކުރިމަތީގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާގައި އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންދާއިރު، މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މުޒާހަރާތައް ބޭއްވުނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް ހިންގުމަށް މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށެވެ.

Ad
rt

"ޓެސްލާ ޓޭކްޑައުން" ގެ ނަމުގައި ބޭއްވުނު މި ވިލަރެސްކުރެވިފައިވާ މުޒާހަރާތަކަކީ އެމެރިކާގައި ހުރި 277 ޓެސްލާ ޝޯރޫމް އަދި ސަރވިސް ސެންޓަރުތައް ވަށައިލުމަށް ކުރެވުނު ފުރަތަމަ މަސައްކަތް ކަމަށް ސީބީއެސް ނިއުސްއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި، މަސްކް ވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި، ސަރުކާރުގެ މުއައްސަސާތައް ނައްތާލުމަށާއި، އޭނާއަށް ލިބިފައިނުވާ ބާރުތަކެއް ބޭނުންކޮށްގެން ސަރުކާރުގެ މުއައްސަސާތައް ބަންދުކޮށް، އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރު ސަލާމަތްކުރެވުނު ކަމަށް މަސްކް ދަޢުވާކުރި ނަމަވެސް، މި ދަޢުވާތައް ގާތުން ބެލިބެލުމުން އެނގިފައިވަނީ ގިނަ ފައިސާތަކެއް ގުނެވިފައިވަނީ ތަކުރާރުކޮށް ކަމަށާއި، އަދި ބައެއް ފަންޑުތަކަކީ ޓްރަމްޕް ރައީސްކަމަށް އައުމުގެ ކުރިން ކެންސަލްކުރެވިފައިވާ ފަންޑުތަކެއް ކަމަށެވެ.

މީގެ އިތުރުން، ލަންޑަން އަދި އެހެނިހެން ޔޫރަޕިއަން ސިޓީތަކުގައި ހުރި ޓެސްލާ ލޮކޭޝަންތަކުގެ ކުރިމަތީގައިވެސް ކުދި މުޒާހަރާތަކެއް ބޭއްވުނެވެ. މި މުޒާހަރާތައް ބޭއްވުނީ މަސްކް އޯލްޓަނޭޓިވް ފޯ ޑޮއިޗްލަންޑް (އޭއެފްޑީ) ފަދަ ހައްދުފަހަނައަޅާފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރުމާއި، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.