ޣައްޒާއިން ފަލަސްތީނުގެ އެއްވެސް މީހަކު ނުނެރޭނެ ކަމަށާއި، އެކަމަކު އެ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ޕްލޭން ކުރިއަށް ގެންދަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ވައިޓް ހައުސްގައި އައިރިޝް ލީޑަރު މައިކަލް މާޓިން އާއެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ "ފަލަސްތީނުގެ އެއްވެސް މީހަކު ނުނެރޭނެ" ކަމަށެވެ.
މި ބަޔާން އައިސްފައިވަނީ އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޯޓްރިޗް އާދިއްތަ ދުވަހު ދިން ބަޔާނަކާ ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ ޣައްޒާއިން ފަލަސްތީނުން މަޖުބޫރުން ނެރުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން "އެމިގްރޭޝަން އޮތޯރިޓީ" އެއް ޤާއިމުކުރާނެ ކަމަށާއި، މި ޕްލޭނަށް ޓްރަމްޕް އެޑްމިނިސްޓްރޭޝަންގެ ތާއީދު ލިބިފައިވާ ކަމަށެވެ.
ސްމޯޓްރިޗް އިތުރަށް ބުނެފައިވަނީ މީގެ ކުރިން ޣައްޒާއިން މީހުން ނެރުމަކީ ވާހަކަ ދެއްކުމަށް ވެސް މަނާ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެންމެ ރިއަލިސްޓިކް މީހުންނަކީ ކުރިން "މޮޔަ" މީހުން ކަމަށް ބެލެވޭ ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ސަރުކާރެއް ނުވަތަ އެމީހުންނަށް އަމިއްލަ ބިމެއް އޮތުން އިންކާރުކޮށް މިނިސްޓަރު ސްމޯޓްރިޗް ބުނެފައިވަނީ ޣައްޒާއިން މަޖުބޫރުން ނެރޭ މީހުން ބަލައިގަންނާނެ ޤައުމުތައް ކަނޑައެޅުމަށް އެމެރިކާ އެޑްމިނިސްޓްރޭޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!