ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން ކަމަށް އެ ކުންފުނީގެ ވެރިޔާ އެލޮން މަސްކް ވިދާޅުވެއްޖެއެވެ.
މި ހަފްތާގެ ހޯމަ ދުވަހު އެމެރިކާގައި ގާތްގަނޑަކަށް 12،000 އެކްސް ޔޫޒަރުންނަށް އެ ޕްލެޓްފޯމްގެ ޚިދުމަތް ނުލިބި ދިޔައެވެ. މިކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން މަސްކް ވިދާޅުވީ، "އެކްސްއަށް ވަރަށް ބޮޑު ސައިބަރ ހަމަލާއެއް ދެވުނު. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ހަމަލާ އެބަދޭ. އެކަމަކު މިފަހަރު މިއީ ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ދެވުނު ހަމަލާއެއް. މިއީ ވިލަރެސްކުރެވިފައިވާ ގްރޫޕެއް ނުވަތަ ޤައުމެއް ހިމެނޭ ބޮޑު ހަމަލާއެއް."ކަމަށެވެ.
އިންޓަނެޓް އިންފްރާސްޓްރަކްޗަރ ދާއިރާގެ މަސްދަރަކުން ބުނި ގޮތުގައި، ޔޫޓީސީ ގަޑިން 9:45 ގައި އެކްސްއަށް ސަރވިސް ޑިނައިއަލް (ޑީޑޮސް) ހަމަލާތަކެއް ދެވުނެވެ. މިފަދަ ހަމަލާތަކުގައި އަމާޒުކުރެވޭ ވެބްސައިޓްތަކަށް ގިނަ އަދަދެއްގެ ޓްރެފިކް ފޮނުވައިގެން އޭގެ ޚިދުމަތް ހުއްޓުވާލެވެއެވެ.
ޑައުންޑިޓެކްޓަރގެ މަޢުލޫމާތު ދައްކާ ގޮތުން، އެމެރިކާގެ ގަޑިން މެންދުރުފަހު 1:46 އާ ހަމައަށް 11،745 ޔޫޒަރުންނަށް އެކްސްގެ ޚިދުމަތް މެދުކެނޑިފައިވެއެވެ. އޭގެ ފަހުން މި އަދަދު 26،579 އަށް އިތުރުވެފައިވާ ކަމަށް ޔޫޒަރުން ހުށަހަޅާފައިވާ މަޢުލޫމާތުން ދައްކައެވެ. ކުރީކޮޅު މި އަދަދު 40،000 އަށް އަރާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް އެކްސްއިން ބުނެފައިވެއެވެ. އަދި ދިމާވި ދަތިތަކަށް ޔޫޒަރުންގެ ފަރާތުން މަޢާފަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!