އިސްރާއީލްގެ ރަހީނުން މިނިވަންކުރުމަށް ހަމާސްއަށް ބާރުއެޅުމުގެ ގޮތުން ކަމަށްބުނެ ޣައްޒާގެ ފެނާއި ކަރަންޓު ކަނޑާލަން އިސްރާއީލުން ނިންމައިފިއެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓަރު 94 އެފްއެމްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫގެ ތަރުޖަމާން އޯމަރ ދޮސްޓްރީ ބުނީ، "ޙަމާސްއިން އިންކާރުކުރަމުންދާ ވަގުތު ދިގުވެގެންދާ ވަރަކަށް، އިސްރާއީލަށް ލިބޭ ބާރު އިތުރުވެގެންދާނެ" ކަމަށެވެ.
އޭނާ އިތުރަށް ބުނީ، "ޙަމާސްއަށް ބާރުއެޅުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުރިކަމަށާއި، އިސްރާއީލުން ހަނގުރާމައަށް އެނބުރި ދިއުމަށް ސިފައިން ލަޝްކަރުތައް ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި ޣައްޒާއަށް ފޯރުކޮށްދޭ ފެނާއި ކަރަންޓު ކަނޑާލުމުގެ ފުރުސަތުވެސް އިސްރާއީލަށް އޮންނާނެ ކަމަށެވެ.
ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަށް ވަނުމަށް އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންވަނީ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި އިތުރަށް ދިގުކުރުމަށެވެ.
އިސްރާއީލުގެ ސަރުކާރުން ވަނީ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމުމާއެކު، އާދީއްތަ ދުވަހު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ހުއްޓުވާފައެވެ.
ޙަމާސްއިން ވަނީ މި ޝަރުތުތަކުގެ ދަށުން ކުރިއަށްދިއުމަށް އިންކާރުކޮށް، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކަށް ތަބާވެ، ވަގުތުން ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ގޮވާލާފައިވެއެވެ. މީގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފުރިހަމައަށް ފައިބައި، ހަނގުރާމަ މުޅިން ހުއްޓާލުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!