އެމެރިކާގެ ކޮންމެ 9 ކުއްޖަކުން އެއް ކުއްޖަކީ އޭ.ޑީ.އެޗް.ޑީ (އެޓެންޝަން ޑެފިސިޓް ހައިޕަރެކްޓިވިޓީ ޑިސޯޑަރ) ކުއްޖެއްކަން އެމެރިކާގެ ޤައުމީ ސާވޭއަކުން ހާމަވެއްޖެއެވެ. މިއީ ހުޅަނގުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު 2 ނުވަތަ 3 ގުނަ މަތީ ރޭޓެކެވެ.
2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގެ 3 އަހަރާއި 17 އަހަރާ ދެމެދުގެ 7 މިލިއަން ކުދިންނަށް (11.4 އިންސައްތަ) އޭ.ޑީ.އެޗް.ޑީ ޑައިގްނޯސް ކުރެވިފައިވާކަމަށް މި ސާވޭއިން ދައްކައެވެ. މިއީ އެ އުމުރުފުރާގެ ކޮންމެ 9 ކުއްޖަކުން އެއް ކުއްޖެކެވެ.
2016 ވަނަ އަހަރާ އަޅާބަލާއިރު، 2022 ގައި އިތުރު 1 މިލިއަން ކުދިންނަށް އޭ.ޑީ.އެޗް.ޑީ ޑައިގްނޯސް ކުރެވިފައިވާކަން މި ސާވޭއިން ހާމަވެއެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އިތުރުވުމެކެވެ.
އެމެރިކަން ސައިކިއެޓްރިކް އެސޯސިއޭޝަނުން މާނަކުރާގޮތުގައި އޭ.ޑީ.އެޗް.ޑީ އަކީ ސަމާލުކަން ދިނުމުގައި ދަތިވުމާއި، ހަރަކާތްތެރިކަން އިތުރުވުމާއި، ނުވިސްނާ އަވަސްއަވަހަށް ކަންކަން ކުރުން ފަދަ ކަންކަން ހިމެނޭ ނަފްސާނީ ބައްޔެކެވެ. މިއީ ކުޑަކުދިންގެ މެދުގައި އެންމެ އާންމު އެއް ނަފްސާނީ ބައްޔެވެ.
އޭ.ޑީ.އެޗް.ޑީ އަކީ ދިގު މުއްދަތަކަށް ދެމިގެންދާ، އަދި އިންސާނާގެ ދިރިއުޅުމުގެ ގިނަ ދާއިރާތަކަށް އަސަރުކުރާ ބައްޔެކެވެ. މީގެ ތެރޭގައި ތަޢުލީމީ އަދި ވަޒީފާގެ ކާމިޔާބީތަކާއި، އިޖްތިމާޢީ ގުޅުންތަކާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
އެކަށީގެންވާ ފަރުވާ ނުލިބޭނަމަ، މި ބައްޔަކީ ކުޑަކުދިންގެ އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމާއި އިޖްތިމާޢީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރުވާ ބައްޔެކެވެ.
މި ރިޕޯޓުން ދައްކާގޮތުގައި އެމެރިކާގައި އޭ.ޑީ.އެޗް.ޑީގެ ޝިކާރައަކަށްވާ ކުދިންގެ އަދަދު މިލިއަނުން ގުނޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!