ޗައިނާގެ އާބާދީ ދަށަށްދާން ފެށުމާއި ގުޅިގެން، އެ ޤައުމުގެ ސިޔާސީ ލަފާދޭ ކޮމިޓީގެ މެންބަރެއް ވަނީ ކައިވެނީގެ ޤާނޫނީ އުމުރު 18 އަހަރަށް ދަށްކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ އާބާދީ އިތުރުކުރުމަށް މަގުފަހިކޮށް، "އުފަންވާ ކުދިންގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު" ހޯދުމެވެ.
ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ނެޝަނަލް ކޮމިޓީގެ މެންބަރު ޗެން ސޮންގްޝީ ގްލޯބަލް ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާގައި ކުދިން ހޯދުމުގެ މައްޗަށް އޮތް ހުރަސްތައް އެއްކޮށް ނައްތާލުމަށާއި، ކައިވެންޏާއި ދަރިން ހޯދުމަށް "ހިތްވަރުދޭ ނިޒާމެއް" ޤާއިމުކުރުމަށް ހުށަހެޅުމެއް ހުށަހަޅުއްވާނެ ކަމަށެވެ.
މިހާރު ޗައިނާގައި ކައިވެނީގެ ޤާނޫނީ އުމުރަކީ ފިރިހެނުންނަށް 22 އަހަރު އަދި އަންހެނުންނަށް 20 އަހަރެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު އެންމެ މަތީ އުމުރުތަކުގެ ތެރޭގައި ހިމެނޭ އުމުރެކެވެ. ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ކައިވެނީގެ ޤާނޫނީ އުމުރަކީ 18 އަހަރެވެ.
ޗެން ވިދާޅުވީ ޗައިނާގެ ކައިވެނީގެ ޤާނޫނީ އުމުރު 18 އަހަރަށް ދަށްކުރުމުން "ދަރިން ހޯދޭނެ އާބާދީގެ ބިންގާ ފުޅާވެ، އުފަންވާ ކުދިންގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު" ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2024 ވަނަ އަހަރަކީ ޗައިނާގެ އާބާދީ ވިދިވިދިގެން ތިންވަނަ އަހަރަށް ދަށަށް ދިޔަ އަހަރެވެ. އަދި މި އަހަރު ކައިވެނިތައް ވަނީ ފަސްބައިކުޅަ އެއްބައި މިންވަރަށް ދަށަށް ގޮސްފައެވެ. މިއީ ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު ދަށްވުމެވެ.
ޗައިނާގެ އާބާދީ ދަށަށް ދިއުމުގެ ބޮޑު ސަބަބަކީ 1980 އިން 2015 އަށް ތަންފީޒުކުރެވުނު "ވަން ޗައިލްޑް ސިޔާސަތު" އެވެ. 2021 އިން ފެށިގެން ކޮންމެ ދެމަފިރިއަކަށްވެސް ތިން ކުދިން ހޯދުމުގެ ހުއްދަ ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!