ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އާދިއްތަ ދުވަހު ބޭއްވުނު، ޙިޒްބުﷲގެ ކުރީގެ އިސްވެރިޔާ ޙަސަން ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ.
ލުބްނާންގެ ސަރުކާރުގެ ނޫސް އެޖެންސީ އެން.އެން.އޭ އިން ބުނާ ގޮތުގައި، ނަޞްރުﷲ އާއި ޙިޒްބުﷲގެ އިސް މެންބަރު ހާޝިމް ސަފީއުއްދީނުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުނީ ކަމީލް ޝަމޫން ސްޕޯޓްސް ސިޓީގައި ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއްގެ ދަށުންނެވެ.
ޖަނާޒާގައި ވާހަކަދައްކަވަމުން، ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޖަމާޢަތުން އެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވަމުންދާ ކަމަށް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން ޤާސިމް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ސިޔާސީ އަދި އަސްކަރީ މަޤްޞަދެއް ނެތި ހަނގުރާމަ ދިގުދެމިގެން ދިއުމުގެ މަސްލަހަތެއް ނެތުމުންކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު ލުބުނާނުން ފައުޖު އަނބުރާ ގެންދިއުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ، މިހާރު މިކަމުގެ ޒިންމާ އުފުލަންޖެހެނީ ލުބުނާނުގެ ދައުލަތުން ކަމަށެވެ.
އިސްރާއީލުން އަދިވެސް ހުޅަނގު ލުބުނާނުގެ ބައެއް ސަރަޙައްދުތައް އޮކިއުޕައި ކޮށްގެން ތިބިކަމަށް ފާހަގަކުރައްވަމުން، ޙިޒްބުﷲ ވަރަށް ވަރުގަދަ އަދި ފުރިހަމައަށް ތައްޔާރަށް ތިބިކަމުގެ އިންޒާރު ޤާސިމް ދެއްވިއެވެ.
އިތުރަށް ވިދާޅުވީ ހަމާސް އިން އޮކްޓޯބަރު 7 ގައި ހިންގި ހަމަލާއާ ގުޅުމެއްނެތި، އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލުބުނާނުގެ އިސްވެރިންނަށް އިސްރާއީލުން އަދި އެމެރިކާއިން ފޯރުކުރާ އެއްވެސް ބާރަކުން އަސަރެއް ނުކުރާނެ ކަމަށެވެ.
"ހަނގުރާމައިން ހާސިލުކުރަން ނުކުޅެދުނު ކަންކަން، ސިޔާސީ ގޮތުންވެސް ހާސިލެއް ނުކުރެވޭނެ" އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު 27 އިން ފެށިގެން ޢަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، ސެޕްޓެމްބަރުގައި ފުޅާވެގެން ދިޔަ އިސްރާއީލާއި ޙިޒްބުﷲއާ ދެމެދުގެ ބޯޑަރު ހަނގުރާމައަށް ނިމުމެއް ގެނައި އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން، ޖެނުއަރީ 26 ގެ ކުރިން އިސްރާއީލުން ހުޅަނގު ލުބުނާނުން ފައުޖު އަނބުރާ ގެންދަން ޖެހުނު ނަމަވެސް، އިސްރާއީލުން އެކަން ނުކުރުމާ ގުޅިގެން މުއްދަތު ފެބްރުއަރީ 18 އަށް އިތުރުކުރެވުނެވެ.
އިސްރާއީލްގެ ސިފައިން ވޭތުވެދިޔަ ހަފްތާގައި ހުޅަނގު ލުބުނާނުގެ ރަށްތަކުން އަނބުރާ ގެންދިޔަ ނަމަވެސް، ބޯޑަރުގައި ހުރި ޢަސްކަރީ 5 މަރުކަޒެއްގައި އަދިވެސް ސިފައިން ތިބިކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!