ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ހުއްޓުމާ ގުޅިގެން ކުރިއަށްދާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން، ހޮނިހިރު ދުވަހު އިސްރާއީލްގެ އިތުރު 3 ގައިދީން ދޫކޮށްލާނެކަމަށް އިއުލާނުކޮށްފިއެވެ.
ހަމާސްގެ ހަތިޔާރު އެޅި ގުރޫޕް އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލްގެ ތިން ގައިދީއަކު ދޫކޮށްލާނެއެވެ. އަދި ދޫކޮށްލާ މީހުންގެ ނަންތައް މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ.
އިސްރާއީލްގެ ނޫސް "ޔެދިއޯތު އަހަރޯނޯތު" އިން ރިޕޯޓުކުރި ގޮތުގައި، ހަމާސްއިން މި ލިސްޓު އިސްރާއީލްގެ ސަރުކާރާ ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި އެހެން ނޫހެއް ކަމަށްވާ "މައަރީވް" އިން ހާމަކުރި ގޮތުގައި، ދޫކޮށްލާ މީހުންގެ ތެރޭގައި ހިމެނޭ 29 އަހަރުގެ އެލެގްޒެންޑަރ ޓަރބަނޯވްއަކީ ރަޝިއާގެ ރައްޔިތެކެވެ. އަދި 36 އަހަރުގެ ސަގުއީ ޑެކެލް-ޗެންއަކީ އެމެރިކާގެ ރައްޔިތެކެވެ.
މީގެ އިތުރުން، ހަމާސްގެ ގައިދީންގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، މި 3 އިސްރާއީލީ ގައިދީންގެ ބަދަލުގައި، ހޮނިހިރު ދުވަހު ފަލަސްތީނުގެ 369 މީހުން ދޫކޮށްލެވޭނެއެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލެވިފައިވާ 36 ގައިދީންނާއި، އޮކްޓޯބަރު 7 ގެ ފަހުން ހައްޔަރުކުރެވުނު ޣައްޒާގެ 333 ރައްޔިތުން ހިމެނެއެވެ.
ހަމާސްއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ޖަމާއަތުން ޢަމަލުކުރަމުންދާ ކަމަށެވެ. އަދި އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިސްރާއި ޤަތަރުން މެދުވެރިވެގެން މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މި މެދުވެރިވުންތައް ފެށުނީ، އިސްރާއީލުން އެއްބަސްވުމާ ޚިލާފުވާތީ، ހަމާސްއިން އެއްބަސްވުމާ އެއްގޮތަށް އިސްރާއީލު ޢަމަލުކުރަންދެން ގައިދީން ދޫކޮށްލުން ހުއްޓާލާނެ ކަމަށް ހޯމަ ދުވަހު އިއުލާނުކުރުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!