އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓިކްޓޮކް މަނާކުރުން އޭޕްރީލް 5 އާ ހަމައަށް ފަސްކުރެއްވުމާ ގުޅިގެން، އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން ޓިކްޓޮކް ލިބެން ފަށައިފިއެވެ.
އެޕަލްއާއި ގޫގުލް އިން ޗައިނާގެ މި އެޕް އެމީހުންގެ އެޕް ސްޓޯރުގައި ބެހެއްޓުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުކުރެވޭނެކަން ރައީސް ޓްރަމްޕް ޔަގީންކޮށްދެއްވިއެވެ.
170 މިލިއަން އެމެރިކާ ރައްޔިތުން ބޭނުންކުރާ މި މަޝްހޫރު ކުރު ވީޑިއޯ އެޕް، އެތައް ހަފްތާއެއްގެ މުއްދަތަކަށް ބަންދުވެފައި އޮތުމަށްފަހު، މިހާރުވަނީ އަލުން ޚިދުމަތްދޭން ފަށާފައެވެ.
ރައީސް ޓްރަމްޕް މިދިޔަ މަހު ނެރުއްވި އެގްޒެކެޓިވް އޯޑަރގައިވާ ގޮތުން، ޓިކްޓޮކްގެ ބަންދު 75 ދުވަހަށް ފަސްކުރައްވާފައިވެއެވެ. މިގޮތުން ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މިލްކިއްޔާތުގައިވާ ޓިކްޓޮކަށް އެމެރިކާގައި ވަގުތީގޮތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.
އެޕް ސްޓޯރތައް ނުވަތަ ޑިޖިޓަލް މާކެޓްޕްލޭސްތައް ހިންގާ ކުންފުނިތަކަށް، ޓިކްޓޮކް އެޕް ބެހެއްޓުމާއި ހިންގުމުގެ ސަބަބުން އެއްވެސް އަދަބެއް ނުދެވޭނެކަމަށް އިރުޝާދުގައި ބަޔާންކޮށްފައިވެއެވެ. މި މާކެޓްޕްލޭސްތަކަކީ ޔޫޒަރުންނަށް އެޕްތައް ބަލައި، ޑައުންލޯޑްކޮށް އަދި އަޕްޑޭޓްކުރެވޭ ތަންތަނެވެ.
ސެންސަރ ޓަވަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އެމެރިކާގައި އެންމެ ގިނައިން ޑައުންލޯޑްކުރެވުނު ދެވަނަ އެޕަކީ ޓިކްޓޮކެވެ. މިގޮތުން 52 މިލިއަނަށްވުރެ ގިނަ ޑައުންލޯޑް ލިބިފައިވެއެވެ. މީގެ ތެރެއިން 52 އިންސައްތަ ޑައުންލޯޑް ލިބިފައިވަނީ އެޕަލް އެޕް ސްޓޯއިން ކަމަށާއި، 48 އިންސައްތަ ލިބިފައިވަނީ ގޫގުލް ޕްލޭ ސްޓޯއިން ކަމަށް ވެއެވެ.
ރޮއިޓާސް އިން ބުނީ މިކަމާ ގުޅޭގޮތުން އެނޫހުން ޓިކްޓޮކާ ވާހަކަ ދެއްކުމުން އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!