ޙިޒުބުﷲ އާ ނުލައި ފުރަތަމަފަހަރަށް ލުބުނާންގައި އާ ސަރުކާރެއް އެކުލަވާލައިފިއެވެ. މިއީ އެމެރިކާގެ އާދަޔާ ޚިލާފު ސީދާ ނުފޫޒާއެކު އެކުލަވާލެވުނު ސަރުކާރެކެވެ. އަދި މިއީ އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޤައުމު އަލުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ލުބުނާންގެ އައު ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ 24 މެންބަރުންގެ މައްޗަށް އެކުލެވޭ އާ ކެބިނެޓުގެ އެންމެ އިސް އަމާޒަކަށް ވާނީ މާލީ އިސްލާހުތައް ގެނައުމާއި، ޤައުމު އަލުން ބިނާކުރުމާއި، އަދި ލުބުނާނާއި އިސްރާއީލާ ދެމެދު އޮންނަ ސަރަހައްދީ ސުލްހަ ޤާއިމުކުރުމަށް ބޭނުންވާ އދ. ގެ ޤަރާރު ތަންފީޒުކުރުން ކަމަށެވެ.

Ad
rt

މި ސަރުކާރު އެކުލަވާލެވުނީ ތިން ހަފްތާއަށް ވުރެ ގިނަ ދުވަހުގެ މަޝްވަރާތަކަކަށް ފަހުގައެވެ. ލުބުނާންގެ ސިޔާސީ މަޝްރަހުގައި ހިމެނޭ އެކި މަޒްހަބުތަކުގެ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގައި ޝީއީންގެ ވަޒީރުން ހޮވުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އާންމު ގޮތެއްގައި މި މަޤާމުތަކަށް މީހުން ޢައްޔަންކުރަނީ އީރާނުގެ ބާރު އޮންނަ ހިޒްބުﷲ އާއި އޭގެ އެކުވެރި ޝީއީ ޕާޓީ އަމަލް އިންނެވެ.

ނަމަވެސް އެމެރިކާއިން ވަނީ އާ ސަރުކާރުގައި ހިޒްބުﷲ ގެ ނުފޫޒު އޮތުމާ ދެކޮޅު ހަދާފައެވެ. އެމެރިކާގެ ޑެޕިއުޓީ މެދުއިރުމައްޗަށް ޚާއްޞާކޮށްފައިވާ ފަރާތް މޯގަން އޯޓަގަސް ހުކުރު ދުވަހު ބުނެފައިވަނީ އާ ސަރުކާރުގައި ހިޒްބުﷲ ބައިވެރިވުމަކީ އެމެރިކާއިން "ރަތް ރޮނގެއް" ގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. އަދި ހިޒްބުﷲ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށްޓަކައި އިސްރާއީލަށް ޝުކުރު އަދާކޮށްފައިވެއެވެ. މި ބަޔާނަކީ ލުބުނާންގައި އިހުތިޖާޖުތަކަށް މަގުފަހިވި ބަޔާނެކެވެ.

ނަމަވެސް އެންމެ ފަހުން ހިޒްބުﷲ ގެ އެކުވެރި ޕާޓީ އަމަލް އަށް ވަނީ އާ ސަރުކާރުގެ ހަތަރު މަޤާމު ހޮވުމުގެ ފުރުސަތު ލިބިފައެވެ. މީގެ ތެރޭގައި މާލިއްޔާ ވަޒީރު ޔާސިން ޖާބިރުގެ މަޤާމު ހިމެނެއެވެ. އަދި ފަސްވަނަ މަޤާމަކަށްވެސް އެ ޕާޓީގެ ރުހުން ލިބިފައިވެއެވެ. އަމަލް ޕާޓީގެ އިސްވެރިޔަކީ ޕާލިމެންޓުގެ ސްޕީކަރު ނަބީހް ބެރީއެވެ.