ފަލަސްތީނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގޮވާލި ގޮވާލުމާމެދު އަރަބި ޚާރުޖީ ވަޒީރުން ދެކޮޅު ހަދައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުން އެއްވެސް ޙާލަތެއްގައި އެމީހުންގެ ބިމުން ބޭރުކުރުމާމެދު އަރަބި ޤައުމުތަކުގެ ޚާރުޖީ ވަޒީރުން ދެކޮޅު ކަން ހާމަކޮށްފައިވާއިރު، މިއީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލުމާ ދެކޮޅަށް ނެރުނު ބަޔާނެކެވެ.

Ad
rt

ގާހިރާގައި ބޭއްވުނު ބައްދަލުވުމަކަށްފަހު، މިޞްރު، އުރުދުން، ސައުދީ އަރަބިއްޔާ، ޤަޠަރު، އެމިރޭޓްސް، ފަލަސްތީނު އޮތޯރިޓީ އަދި އަރަބު ލީގުގެ ބޭރުގެ ވަޒީރުންނާއި އިސްވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ފިޔަވަޅަކުން ސަރަޙައްދުގެ އިސްތިޤްލާލަށް ނުރައްކާވެ، ހަމަނުޖެހުން ފެތުރި، ސުލްޙައަށް އޮތް ފުރުޞަތު ކުޑަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކޮޅު ހަދަނީ ފަލަސްތީނުގެ ރައްޔިތުންގެ ނިގުޅައިނުގަނެވޭނެ ޙައްޤުތަކަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތަކާ މެދުގައެވެ. އެއީ އާބާދުވުމުގެ ޙަރަކާތްތަކުން ކަމުގައިވިޔަސް، ނުވަތަ ބިމުން ނެރުމުން ނުވަތަ ބިން އަތުލުމުން ނުވަތަ ބިމުގެ ވެރިންގެ ކިބައިން ބިން ހުސްކުރުމުން ކަމުގައިވިޔަސް... އެއްވެސް ގޮތަކުން ނުވަތަ އެއްވެސް ޙާލަތެއްގައި ނުވަތަ އެއްވެސް ސަބަބަކަށްޓަކައި މިކަމާ ދެކޮޅު ހަދަމެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޓްރަމްޕްގެ އިދާރާއާއެކު މެދުއިރުމަތީގައި ދެ ދައުލަތުގެ ޙައްލެއްގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ފުރިހަމަ ސުލްޙައެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަށް އެ ބޭފުޅުން އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުން ބޭއްވުނީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް ޓްރަމްޕް ވޭތުވެދިޔަ ހަފްތާގައި ގޮވާލުމަށްފަހުގައެވެ. އިޒްރޭލުގެ 15 މަސްދުވަހުގެ ހަމަލާގެ ސަބަބުން އެތަނުގެ 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާތީ، ޓްރަމްޕް ވަނީ ޣައްޒާއަށް "ވީރާނާވެފައިވާ ސަރަޙައްދެއް" ގެ ނަން ދީފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އޭނާގެ ހުށަހެޅުމަކީ ނަސްލީ ސާފުކުރުމާ އެއްފަދަ ކަމެއް ކަމަށެވެ.