ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝިތާ ރާޖަޕަކްސާ، މުދަލެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކުރީގެ ނޭވީ އޮފިސަރެއް ކަމުގައިވާ ޔޮޝިތާ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާގެ އަވަށްޓެރި ސަރަޙައްދު ކަމުގައިވާ ބެލިއާޓާ އިންނެވެ.

Ad
rt

އޭނާ ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ކުރިން، އޭނާގެ ބައްޕަ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ގަނެފައިވާ މުދަލަކާ ގުޅޭގޮތުން ކުރެވެމުންދާ ތަޙުޤީޤަކަށް ބަޔާނެއް ނެގުމަށެވެ.

މީގެ ކުރިން މިދިޔަ ހަފްތާގައި، ޔޮޝިތާގެ ބޮޑުބޭބެ އަދި ކުރީގެ ރައީސް ގޮޓަބާޔާ ރާޖަޕަކްސާވެސް ވަނީ މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވެފައެވެ.

މި ދެބޭފުޅުންނަށްވެސް ތުހުމަތު ކުރަނީ ސްރީލަންކާގެ ދެކުނުގެ ދީނީ ރިސޯޓެއް ކަމުގައިވާ ކަޓަރަގަމާގައި ހުރި ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ގެއެއް ގަތުމުގައި ކަރަޕްޝަނަށް މަގުފަހިވާގޮތަށް ވިަފާރީގެ މުއާމަލާތްތައް ހިންގުމުގެ ތުހުމަތެކެވެ.

ޔޮޝިތާ ހައްޔަރުކޮށްފައި މިވަނީ މަހިންދާ ރާޖަޕަކްސާ އޭނާގެ ސެކިއުރިޓީ އަނބުރާ ލިބިގަތުމަށް އެދި ސުޕްރީމް ކޯޓަށް އަސާސީ ޙައްޤުތަކުގެ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ ސެކިއުރިޓީ ވަނީ މިދިޔަ މަހު ސަރުކާރުން ދަށްކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ރައީސް އަނުރާ ކުމާރާ ދިސާނާޔަކޭގެ ވެރިކަމުގައި، މަހިންދާ ރާޖަޕަކްސާގެ އެންމެ ދޮށީ ދަރިކަލުން އަދި ޕާލަމެންޓް މެންބަރު ނަމަލް ރާޖަޕަކްސާވެސް ވަނީ އެހެން މުދަލަކާ ގުޅޭގޮތުން ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވެފައެވެ. މި ސުވާލުކުރުމުގައި މަހިންދާ ރާޖަޕަކްސާގެ މުވައްޒަފަކުވެސް ބައިވެރިވިއެވެ.

އައު ސަރުކާރުން އިންތިޚާބުގެ ކުރިން ވަނީ 2005 އިން 2015 އަށް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ނުރަނގަޅު ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ އެންމެން ހައްޔަރުކުރާނެ ކަމަށް ވަޢުދުވެފައެވެ.