ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލެއް ނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ދިވެހިރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އދ ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބަލާލުމުން ރާއްޖޭގެ ސިޔާސަތު ސާފުވެގެންދާނެ ކަމަށެވެ. އަދި ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށް ވެސް ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާ ގުޅިގެން ފެށުނު ހަނގުރާމައިގައި ދިވެހިރާއްޖެއިން މިހާތަނަށް ވަކި ކޮޅެއް ނަގާފައެއް ނުވެއެވެ. ނަމަވެސް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ކުރި ޕޯސްޓުގައި ރާއްޖޭގެ ތާއީދު ޔޫކްރެއިންއަށް އޮތް ކަމަށް ބުނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ.
މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ، ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ކަމަށާއި، ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރަޝިޔާއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓެކެވެ. މި އަހަރުގެ ޖެނުއަރީ 14ގެ ނިޔަލަށް ރަޝިޔާގެ 12،920 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!