ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާތަނަށް މަހެއްހާ ދުވަސްވެފައިވާއިރުވެސް އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހޯދަމުންދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 41 އަހަރުގެ އުމޭޝް މާންޖީއެވެ. އޭނާ ގެއްލިފައިވަނީ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު، އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1 ގެ ޓެމް ޓެމްޕްލޭން 61 އިން ނިކުމެގެން ދިޔަފަހުންނެވެ. އޭގެފަހުން އެއްވެސް ފަރާތަކަށް އޭނާގެ ޚަބަރެއް ލިބިފައިނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އުމޭޝް މާންޖީ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް މަޢުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އުމޭޝް މާންޖީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.
މީގެއިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!