އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް 92 އަހަރުގައި އިއްޔެ ރޭ އަވަހާރަވެއްޖެއެވެ. އިންޑިޔާގެ އިޤްތިޞާދު ލިބަރަލައިޒް ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޑރ. ސިންގް ވަނީ ދެ ދައުރު އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

އިޤްތިޞާދީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އިންޑިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަންވެސް ކުރެއްވި ޑރ. ސިންގް ވަނީ އުމުރުފުރައާ ގުޅުންހުރި ބައެއް ބަލިތަކާ ގުޅިގެން ބޭސްފަރުވާ ކުރައްވަމުން ގެންދަވާފައެވެ.

Ad
rt

ބުރާސްފަތި ދުވަހުގެ ރޭ ގޭގައި ހުންނަވަނިކޮށް ކުއްލިއަކަށް ހޭނެތިވަޑައިގަތުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި އެޑްމިޓްކުރެވުނު ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މަޑުމައިތިރި އަދި ޓެކްނިކަލް ހުނަރުވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޑރ. ސިންގް ވަނީ 2004 އިން 2014 އަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިޔާގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރައި، ނަޒާހަތްތެރި ވެރިއެއްގެ ގޮތުގައި ނަން މަޝްހޫރުވިއެވެ.

އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޑރ. ސިންގް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޑރ. ސިންގްއަކީ އިންޑިޔާގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރެއިން ބޭފުޅެއް ކަމަށާއި، އާދައިގެ ޢާއިލާއަކުން އުފަންވެވަޑައިގެން އިންޑިޔާގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑު އަސަރެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ބްރިޓިޝް އިންޑިޔާގެ ފަޤީރު ޢާއިލާއަކުން އުފަންވެވަޑައިގެން، ވޮއްބައްތީގެ އަލީގައި ކިޔަވާވިދާޅުވެ ކޭމްބްރިޖް ޔުނިވަރސިޓީއަށް ވަޑައިގަތުމުގެ ފުރުޞަތު ހޯއްދެވި ޑރ. ސިންގް ވަނީ އޮކްސްފޯޑް ޔުނިވަރސިޓީން ޑޮކްޓަރޭޓް ހާސިލުކުރައްވާފައެވެ. އޭނާގެ ތީސިސްގައި އަލިއަޅުވާލާފައިވަނީ އިންޑިޔާގެ އިޤްތިޞާދުގައި އެކްސްޕޯޓާއި ވިޔަފާރީގެ މިނިވަންކަމުގެ ދައުރުގެ މައްޗަށެވެ.