އާ ސީރިއާއެއްގައި އެންމެ އިސް ދައުރެއް އަދާކުރާނީ އަންހެނުން ކަމުގައި ވަގުތީ ސަރުކާރުގެ އަންހެނުންގެ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ސީރިއާގެ ވަގުތީ ސަރުކާރުގެ އަންހެނުންގެ ކަންތައްތަކާބެހޭ އޮފީހުގެ އަލަށް އައްޔަންކުރެވުނު ވެރިޔާ ވިދާޅުވެފައިވަނީ، 10 އަހަރަށްވުރެ ގިނަ ދުވަހު ހިނގި ހަނގުރާމައިން ހަލާކުވެފައިވާ ޤައުމު އަލުން ބިނާކުރުމުގައި އަންހެނުންނަށް ބައިވެރިވެވޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދޭނެ ކަމަށެވެ.

Ad
rt

އާދީއްތަ ދުވަހު ދިމިޝްޤުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާއިޝާ އަލްދިބްސް ވިދާޅުވީ، ސީރިއާގެ އަންހެނުން އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މުއައްސަސާތަކުގައި ބައިވެރިކުރުވުމަށާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާތަކުގައި ޤާބިލު އަންހެނުން ވަޒީފާއަށް ނެގުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ގޮތުގައި، ސީރިއާގެ އަންހެނުންނަކީ ތާރީޚީ ގޮތުން ބަލާއިރުވެސް ވަރަށް ހަރަކާތްތެރި، ހުރިހާ ދާއިރާއެއްގައިވެސް ލީޑަރޝިޕް ދެވޭވަރުގެ ބައެއް. މިއަދު އަޅުގަނޑުމެން މިތިބީ އެ މީހުން އަނބުރާ މި ލީޑިންގ ރޯލަށް ގެނައުމުގެ މަސައްކަތުގައި. އެއީ އަޅުގަނޑުމެން އެންމެން އެދޭ، މިނިވަން، އާ ސީރިއާއެއް ބިނާކުރުމުގައި،" އަލްދިބްސް ވިދާޅުވިއެވެ.

އަންނަން އޮތް ޤައުމީ ކޮންފަރެންސްގައި ސީރިއާގެ ހުރިހާ ސަރަޙައްދަކުންނާއި އެކި ނަސްލުތަކުގެ އަންހެނުން ބައިވެރިކުރުވުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވަޢުދުވެވަޑައިގަތެވެ. މި ކޮންފަރެންސްގައި ޤައުމުގެ މުސްތަޤްބަލާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

އަންހެނުންގެ ކަންތައްތަކާބެހޭ އޮފީސް ޤާއިމުކޮށް، އޭނާ އެ އޮފީހުގެ ވެރިޔާގެ މަޤާމަށް އައްޔަންކުރެވުނީ އާ ސަރުކާރުގައި ސީރިއާގެ އަންހެނުންގެ ދައުރާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކަމަށް އަލްދިބްސް ވިދާޅުވިއެވެ.

ސީރިއާގެ އާ ވެރިން ބާރު ހޯދީ މި މަހުގެ ކުރީކޮޅުގައެވެ. އެއީ ހަޔަތު ތަޙްރީރު އައްޝާމް (އެޗްޓީއެސް) އިސްވެ އޮވެގެން އިދިކޮޅު ބާރުތަކުން ނޮވެމްބަރު މަހު އުތުރު-ހުޅަނގު އިދްލިބް ސަރަޙައްދުން ފެށިގެން ކުއްލި ހަމަލާއެއް ދިނުމަށްފަހު، ސަރުކާރުގެ ބާރުތަކުން މާބޮޑު ދެކޮޅުވެރިކަމެއް ނެތި ސިޓީތައް ހިފަމުން ދިޔުމާ ގުޅިގެންނެވެ.