އިންޑިޔާގެ 18 އަހަރުގެ ޒުވާނަކު ދުނިޔޭގެ އެންމެ ހަގު އުމުރުގެ ޗެސް ޗެމްޕިއަނުކަން ހޯދައިފިއެވެ.
ސިންގަޕޫރުގައި ބޭއްވުނު ފީޑޭ ވޯލްޑް ޗެސް ޗެމްޕިއަންޝިޕްގެ ފައިނަލް ރައުންޑުގައި އިންޑިޔާގެ 18 އަހަރުގެ ގުކެޝް ދޮމަރާޖު ވާދަކޮށް ވަނީ ދުނިޔޭގެ އެންމެ ހަގު އުމުރުގެ ޗެސް ޗެމްޕިއަންކަން ހޯދާފައެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލްގައި ދޮމަރާޖު ވަނީ ޑިފެންޑިންގ ޗެމްޕިއަން، ޗައިނާގެ ޑިންގ ލިރެން ބަލިކޮށްފައެވެ.
ދޮމަރާޖުގެ މި ކާމިޔާބީއާއެކު، ކުރިން މި ރެކޯޑު ހިފަހައްޓަމުން އައި ރަޝިޔާގެ ގްރޭންޑްމާސްޓަރ ގެރީ ކަސްޕަރޮވްގެ ރެކޯޑު ވަނީ ފަހަނައަޅާ ގޮސްފައެވެ. ކަސްޕަރޮވް މި މަގާމު ހޯދީ 1985 ގައި ޢުމުރުން 22 އަހަރުގައެވެ.
ޗެންނާއީގެ މި ޒުވާން ކުޅުންތެރިޔާއަކީ ކުރިން ވެސް ޗެސް ދުނިޔޭގައި މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ ވަނީ 12 އަހަރުގެ އުމުރުގައި ގްރޭންޑްމާސްޓަރުގެ މަގާމު ހޯދާފައެވެ. ނަމަވެސް މި މުބާރާތުގެ ފައިނަލަށް ދިޔައިރު އޭނާއަކީ ކާމިޔާބު ހޯދުމަށް އެންމެ ފުރުސަތު ކުޑަ ކުޅުންތެރިޔާ ކަމުގައި ބެލެވުނެވެ.
މިހާތަނަށް އޭނާއަކީ ދުނިޔޭގެ ވަރުގަދަ ކުޅުންތެރިންގެ ތެރެއިން ފަސްވަނައަށް އަދި އިންޑިޔާގެ ދެވަނައަށް ހުރި ކުޅުންތެރިޔާއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ 14 ގޭމުގެ މި ވޯލްޑް ޗެމްޕިއަންޝިޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޗެސް އަށް ލޯބިކުރާ ފަރާތްތަކުގެ ސަމާލުކަން ބޮޑަށް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!