ޔޫރަޕިއަން ޔޫނިއަންއިން، ޕާކިސްތާނު އިންޓަރނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ) ގެ ދަތުރުތަކަށް އޮތް މަނާކުރުން ނިމުމަކަށް ގެނެސްފައިވާކަމަށް ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރ ޚަވާޖާ އާސިފް ވިދާޅުވެއްޖެއެވެ.

މި މަނާކުރުން ނިމުމަކަށް ގެނައުމާއި ގުޅިގެން ޕީ.އައި.އޭ އަށް އަލުން ޔޫރަޕަށް ދަތުރުތައް ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

މިނިސްޓަރ އާސިފް ވިދާޅުވި ގޮތުގައި ޔޫރަޕިއަން އޭވިއޭޝަން އޮތޯރިޓީން ހުކުރު ދުވަހު ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) ގެ އެދުމަށް މި މަނާކުރުން ނެގުމަށް ނިންމާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ މި މަނާކުރުން ނެގުމުން ޕީ.އައި.އޭ ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތަށް އަވަސްވެގެންދާނެ ކަމަށެވެ. އަދި މިހާރު ޤައުމީ އެއަރލައިންގެ ދަރަޖަ ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ އާސިފް އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ޔޫރަޕިއަން ކޮމިޝަނާއި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީ.އޭ.އެސް.އޭ) އިން ޕީ.އައި.އޭގެ ޔޫރަޕަށް ކުރާ ދަތުރުތަކަށް އޮތް މަނާކުރުން ނަގައިފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ ޕާކިސްތާނުގެ އަމިއްލަ އެއަރލައިނެއް ކަމަށްވާ "އެއަރބްލޫ" އަށްވެސް ތާޑް ކަންޓްރީ އޮޕަރޭޓަރ (ޓީ.ސީ.އޯ) ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ އާސިފް އިތުރަށް ވިދާޅުވެފައިވަނީ މިކަން ވެގެން ދިޔައީ އޭވިއޭޝަން މިނިސްޓްރީން ޕާކިސްތާނު ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޕީ.ސީ.އޭ.އޭ) ހަރުދަނާކުރުމަށް ކުރި މަސައްކަތާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޕީ.އެމް.އެލް.އެން ސަރުކާރުން ޕީ.ސީ.އޭ.އޭ ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕީ.ސީ.އޭ.އޭ ޤާނޫނު ތަންފީޒުކުރުމާއި، ރެގިއުލޭޓަރާއި ޚިދުމަތް ދޭ ފަރާތްތައް ވަކިކުރުމާއި، ޕްރޮފެޝަނަލް ލީޑަރޝިޕް އައްޔަންކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ދިނުން ހިމެނެއެވެ.