ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުން ހިމަނައި ވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ.

Ad
rt

މި ބިލުގައި ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާއުމީ މަޖިލީހާއި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި ފެރަލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކޮށްފަވެއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުމާއި، މާލީ އެހީ ދިނުމުގައި ހުރި ތަފާތުތައް ނައްތާލުން ހިމަނާފަވެއެވެ.

ލަތީފްބެ މި ބިލުގައި ފަޤީރުކަމާއި އިޖްތިމާޢީ މައްސަލަތަކާއި، އާންމު ބަލިމަޑުކަމުން ގައުމު ސަލާމަތް ކުރުމަށް ކުޅިވަރު މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތެއް ކުރިއެރުވުމަށް ވެސް ވަނީ ހިމަނާފައެވެ.

މި ބިލު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވެފައި ވަނީ، މި އިސްލާޙްތަކާއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ.