ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކޮށް ނިންމާ، މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. މި މަސައްކަތަކީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ފެށި މަސައްކަތެއްކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، "ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުން ޤައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާތީ، މި ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށްޓަކައި މި މަސައްކަތް ފެށީ" ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރާއި މިނިސްޓްރީން ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައި، މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ ޑރ. ޝަހީމް ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީގެ އިސްނެގުމާއެކު، ކުރިއަށްވުރެ ރީތިކޮށް މަސްފެންގަނޑު މަރާމާތުކޮށްފައިވާ ކަމަށެވެ. އަދި މި ސަރަޙައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ތަނަކަށްވާތީ، މަސްފެންގަނޑުގެ ރީތިކަން ދެކި އެ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތަކީ އިސްލާމީ މަރުކަޒުގެ ތާރީޚީ އަދި ސަގާފީ އަގު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައި ހުރިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ވަނީ ޝުކުރު ދަންނަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!