ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އާއި އެ މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އާއި އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ އަދި އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ، ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ. ޝާޑްގެ މި ބިލަށް ތާއީދުކުރެއްވީ ޕީއެންސީ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙް އެވެ.
މި ބިލު މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންގޮސް މަސައްކަތް ކުރުމަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. ނާޒިމްގެ ހުށަހެޅުން ފާސްވީ 71 މެންބަރު ތާއީދުކުރަށްވައި ފެންނަކަމަށް ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ތަޅުމުގެ ވޯޓިން ސިސްޓަމްގައި މައްސަލަ ޖެހުމާ ގުޅިގެން އެ ބިލަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓަކުން، ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެންނެވެ.
މި ވޯޓުގައި ބައިވެރިވި 75 މެންބަރުން ބިލު ފާސް ކުރަން ފެންނަ ކަމަށް ވޯޓުދެއްވިއެވެ. އަދި 13 މެންބަރުން ބިލު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓުދެއްވިއެވެ.
މި ކޮމެޓީގެ ރިޕޯޓަށް ބަހުސްކޮށް، ބިލަށް ވޯޓުލުން އޮންނާނީ ހަވީރު 17:30 ގައި ފަށާ ޖަލްސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!